ރާއްޖޭގައި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، އާ އާންމު ހާލަތަކަށް ނުވަތަ "ނިއު ނޯމަލް" އަށް ދާއިރު އެންމެ ފުރަތަމަ ހުޅުވާލާނީ ޒަރޫރީ ޚިދުމަތްދޭ ސަރުކާރުގެ މުއައްސަސާތައް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިއުމާއި ގުޅިގެން މާލެ ސަރަޙައްދު ހިމެނޭހެން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި މީގެ ކުރިން ފުރަބަންދުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މިހާރު ފުރަބަންދުގެ ގިނަ ފިޔަވަޅުތައް ހިންގަމުން ދަނީ މާލެ ސަރަޙައްދާއި ބަލީގެ ނުރައްކާ އޮތް ރަށްރަށާއި، ބައްޔާއި ގުޅިގެން ކަރަންޓީނުކޮށް އެ މުއްދަދު ހަމަނުވާ ރަށްރަށެވެ.

މި ހާލަތަށް ލުއިތަކެއްދީ، އާ އާންމު ހާލަތަކަށް ދިއުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުން ދާއިރު، ސަރުކާރުން ވިދާޅުވެފައި ވަނީ އާ އާންމު ހާލަތަކަށް ދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. މިގޮތުން ފުރަބަންދަށް ލުއި ދިނުމުގައި ރާއްޖެއިން އަމަލުކުރާނީ އެހެން ޤައުމުތަކަށްވުރެ ގިނަ މަރުޙަލާތަކަށް ބަހާލައިގެން ކަމަށްވެސް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

އެންއީއޯސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން، މަބްރޫކް އަޒީޒް ވިދާޅުވީ، މާލެ ސަރަޙައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިކަން ކުރާނީ ރައްޔިތުންނަށް ނުރައްކާ ކުޑަވާނެ ގޮތަށް ކަމަށެވެ. ނަމަވެސް ފުރަބަންދު ނަގާލާނެ ސީދާ ދުވަހެއް އަދި "ފައިނަލް" ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މީގެ ކުރިން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، އާ ޢާއްމު ޙާލަތުގެ އަސާސީ ޑޮކިއުމަންޓް އެކުލަވާލައި ނިމިފައިވާކަމަށެވެ. އަދި އާ އާންމު ހާލަތުގައި ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އާ އާންމު ހާލަތުގައި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް ވަކި އުސޫލެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައި ވެއެވެ. މިނިސްޓަރ ވިދާޅުވީ، އާ އާންމު ހާލަތަކަށް ފުރަތަމަ ދާއިރު، ހޮސްޕިޓަލްތަކުން އިސްކަންދޭނީ ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި ކުއްލި ހާލަތުގައި ދޭންޖެހޭ ޚިދުމަތްތަކަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޮހޮދު

    ނަސީބެއްނުން ތި ކައެގެން އަހަރުމެން ތެރޭން ބަޔަކު ރޯނާނުވިކަން

    7
    1
  2. ޕޯސްޓް

    ޕޯސްޓް އޮފީސް ހުޅުވޭނެ ގޮތެއް ހަދާބަލަ..ހަފްތާއކު 2 ދުވަހު ނަމަވެސް އެތިކޮޅު ގެއްލިދާނެ.. އެއީ ވެސް އަސާސީ ޚިދުމަތެއް މިޒަމާނުގަ

    18
    2
  3. ތާކިހާ

    ޒަރޫރީ ޚިދުމަތްދޭ މުއައްސަސާތަކުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރެބިއުނަލް ހިމަނާދެއްވުން އެދެން. އެހެނީ ކަރަންޓާއި ފެނާއި ކުލިދައްކަން ހޯދާ ފައިސާ ހޯދުމަށްދާން އޮތް ވަޒީފާއި ބެހޭ ގިނަ މައްސަލަތައް ރައްޔިތުންގެ މެދުގައި އާއި އަރިމަތީގައާއި ކުރިމަތީގައި ވަނީ ފުނިޖެހިފައި. އަވަސް ހައްލެއްބޭނުންވާ އަދަދު ނުކުރެވޭވަރުގެ ވަޒީފާގެ މައްސަލަތައް އެބަހުރި . ޝުކުރިއްޔާ ފެނުއެޅޭސަރުކާރު

  4. ބިރު

    އަނެއްކާ އަނެއްކަމެއް، އިއްޔެގަ މައެއްގެ ބަނޑައް ދަރިފުޅު ނިޔާވި އިރުވެސް އެއްވެސް ހޮސްޕިޓަލަކުން އެކަށީގެންވާ ފަރުވާއެއް ދިނީކީނޫން، މިހާރު އެބުނަނީ ޑޮކްޓަރައް ދައްކަންދާ މީހުން ގިނަވާނެޔޭ ޑޮކްޓަރައް ދެއްކޭނީ ކޮންމެހެން ދައްކަން ޖެހޭ މީހުންނަށޭ، ބިލިވީމަ ކޮންމެމީހަކައްވެސަ ދެއްކެން ޖެހޭނެ، ދެން ކޮވިޑް ދެކެ ބިރުން އުޅޭ ޑޮކްޓަރުންނަށާ އެހެން މީހުންނައް ބުނެލަން ލޮކް ޑައުން ކުރިޔަސް ފިލާ އޮތަސް ﷲ އިރާދަ ކުރެއްވި އަޅަކައް ބަލި ޖައްސަވާނީ ވެސް ޝިފާ ދެއްވާނީވެސް،

    36
    1
  5. Anonymous

    ވެރިކަމަށް ދެވިރައިގެން އެއުޅެނީ ރައްޔިތުނނަށް ކޮވިޑު ޖައްސައިގެންވެސް އެޔޯމެންނަށް ވޯޓުހޯދަންވެގެން. ރައްޔިތުންނާދޭތެރޭ ފަރުވާކުޑަކުރާ އެއްވެސްބާޔަކަށް މިފަހަރު އެއްވެސް ރައްޔިތަކު ވޯޓު ނުދޭތި!!!