މާދަމާ ރޭ ހިފާ ހަނދުކޭތަ ރާއްޖެއަށް ފެންނާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު މުސްލިމް ވިދާޅުވީ، މާދަމާގެ ހަނދުކޭތަ ފެނިގެންދާނީ ރޭގަނޑު 22:45 އެހާކަންހާއިރު ކަމަށާއި ފަތިހު 4 ޖަހާ އެހާ ހިސާބަތް ކޭތަ ދެމިގެން ދާނެ ކަމަށެވެ.

ޕެނުމްބްރަލް ލޫނާ އިކްލިޕްސްގެ ހަނދު ފެންނަ އިރު ހުންނާނީ ރާއްޖެއާއި މަތީގައި ކަމަށާއި އެހާ ބޮޑަށް އަޅައި ނުގަންނާނެ ކަމަށް މުސްލިމް ވިދާޅުވިއެވެ.

"ވަރަށް ކުޑަކޮށް ފެންނާނީ، އަނެއްހެން ފަޑު ހިޔަންޏެއް އަރާނީ. އެހެންމަ ފާހަގަ ނުކުރެވި ހިނގައިދާނެ" މުސްލިމް ވިދާޅުވިއެވެ.

"ސްޓްރޯބެރީ މޫން"ގެ ނަމުން ނަން ދެވިފައިވާ ކޭތަ މިރޭ ރާއްޖެއަށް ފެނިގެންދާއިރު، ޔޫރަޕް އެފްރިކާ އަދި އޮސްޓްރޭލިއާއަށްވެސް މޫސުން ތަންދޭނަމަ މި ހަނދު ފެނިގެންދާނެ ކަމަށް ކަމާއި ބެހޭ މާހިރުން ވަނީ ބުނެފައެވެ. މި ކޭތަ އެންމެ ރީއްޗަށް ފެންނާނެ ކަމަށް ބެލެވިފައިވަނީ ކޭތަ ހިފަމުން އަންނަ ވަގުތު ދެކުނު އެފްރިކާ، އިންޑިއާ، ޗައިނާ އަދި އޮސްޓްރޭލިއާއެވެ.

މިރޭ ހިފާ ހަނދު ކޭތައަށް މިފަދަ ނަމަކުން ނަން ދެވިފައިވަނީ އެ ކޭތަ އަކީ ޖޫން މަހުގައި ހިފާ ކޭތައަކަށްވެފައި މިއީ ސްޓްރޯބެރީ މޫސުމަށް ވާތީއެވެ. މިއީ އެއްވެސް ގޮތަކަށް ހަނދުގެ ކުލަ ސްޓްރޯބެރީގެ ކުލައިގައި ހުންނާތީ ދީފައިވާ ނަމެއް ނޫން ކަމަށް ފަލަކީ އިލްމުވެރިން ވަނީ ފާހަގަ ކޮށްފައެވެ.