މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުުރުމަށް ކޯޓުތަކާއި ކައުންސިލްތައް ހުޅުވާފައި ހުންނާނެ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މަިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އަންގާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ގެ 5:30 އިން ފެށިގެން ހުރިހާ މެޖިސްޓްރޭޓް ކޯޓުތައް ހުޅުވާފައި ބެހެއްޓުމަށެވެ. ކޯޓުތަކާއި ކައުންސިލްތައް ބަންދު ކުރެވޭނީ ހަނދާބެހޭ ޤަރާރު އިޢުލާންކުރުމުންނެވެ.

ހަނދު ފެނުނުކަމުގެ ހެކިބަސް ހޯދާއިރު، ހަނދު ފެނުނުއިރު ހަނދުހުރި އުސްމިނާއި، މިސްރާބާއި، މިންވަރު ފަދަ މަޢުލޫމާތު ދޭންޖެހޭނެއެވެ. އަދި ވަގުތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އެކަން އަންގަން ޖެހޭނެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި ކައުންސިލްތަކަށް ނުވަތަ ކޯޓުތަކަށް އައުމާއި ދިއުމުގެ ޚަރަދު ދޭނެކަމަށްވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ރަމަޟާންމަހުގެ ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭ ކޯޓެއްގެ ޤާޟީއެއްގެ ކުރިމަތީގައެވެ. އަދި އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކިބަސްދޭނީ އެވަގުތަކު ރަށު ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވެރިޔާގެ ކުރިމަތީގައެވެ.

ކަލެންޑަރުގައި ވާ ގޮތުން ނަމަ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 23 މާރޗްއެވެ.