އަޅުގަނޑުމެންގެ މައްޗަށް ހިޔާ އަޅާފައި މިވަނީ ބަރަކާތްތެރި ވެގެންވާ މައްސަރެކެވެ. މަތިވެރިވެގެންވާ މޫސުމެކެވެ. ﷲ ޞުބުޙާނަހޫވަތަޢާލާ އެމައްސަރުގެ ދަރުމަ އާއި ޘަވާބު މަތިވެރިކުރެއްވެވިއެވެ. ހެޔޮކަމަށް އެދޭ ކޮންމެ މީހެއްގެ މައްޗަށް ހެޔޮކަމުގެ ދޮރުކޮޅުތައް ހުޅުއްވައި ދެއްވިއެވެ. މިއީ ހެޔޮކަމާއި ބަރަކާތުގެ މައްސަރެވެ. އަދި މިމަހަކީ، ﷲ ތަޢާލާގެ ތަނަވަސްވެގެންވާ ދެއްވުން ދެއްވާ މައްސަރެވެ.

ރަމަޟާން މަހަކީ، ރަޙުމަތާއި ފާފަ ފުއްސެވުމުން ފުރިފައިވާ މައްސަރެކެވެ. އަދި ނަރަކައިން މިންޖުކުރައްވާ މައްސަރެކެވެ. އެމައްސަރުގެ ފުރަތަމަ ބައިގައި ވަނީ ރަޙުމަތެވެ. މެދުގައިވަނީ ފާފަ ފުއްސެވުމެވެ. އަދި ފަހުބައިގައި ވަނީ ނަރަކައިން މިންޖުކުރެއްވުމެވެ.

މި މައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވަނީ ހެޔޮ ޢަމަލުކުރާ މީހުން ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހިއްވަރުދެއްވުމަށްޓަކައެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުކުރެވިފައިވަނީ އީމާންކަމުގެ އަހުލުވެރިން ކުރާ ފާފަތައް އެމަހުގައި މަދުވެގެންދާތީއެވެ. އަދި ޝައިޠާނުން ބަންދުކުރެވި ކަސްތޮޅު އަޅުއްވާ، އެހެން މަސްތަކުގައި މީސްތަކުންނަށް ގެއްލުންދިނުމަށްޓަކައި ކުރާކަންކަން ކުރުމަށްޓަކައި ޝައިޠާނުންތައް ދޫނުކުރެއްވެއެވެ.

އަލް އިމާމް އަޙްމަދު، އަބޫ ހުރައިރާ رضي الله عنهގެ އަރިހުން ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ.

"ކުރީގެ އުއްމަތްތަކަށް ދެވިފައިނުވާ ފަސް ކަމެއް ރަމަޟާންމަހުގައި ތިމަންކަލޭގެފާނުގެ އުއްމަތަށް ދެވިފައިވެއެވެ. (އެއީ) ރޯދަވެރިޔާގެ އަނގައިން ދުވާ ނުބައި ވަހަކީ، ﷲ ގެ ޙަޟްރަތުގައި ގޮމަކަސްތޫރީގެ ވަހަށްވުރެ މީރުވަހެކެވެ. އަދި ރޯދަ ވީއްލުމަށް ދާންދެން ރޯދަވެރިންނަށްޓަކައި ފާފަފުއްސެވުން އެދި މަލާއިކަތްބޭކަލުން ދުޢާ ކުރެއްވުންމަތީ ދެމިތިއްބަވައެވެ. އަދި ކޮންމެ ދުވަހަކު ﷲ ތަޢާލާ ސުވަރުގެ ޒީނަތްތެރި ކުރައްވުމާއެކު ވަޙީ ކުރައްވަތެވެ. ތިމަން އިލާހުގެ ޞާލިޙު އަޅުތަކުންގެ ކިބައިން އުނދަގޫތަކާއި ވޭން ފިލައި ތިބާއާ (އެބަހީ: ސުވަރުގެއާ) ދިމާލަށް އައުން ކާރިވެއްޖެއެވެ. އަދި ޝައިޠާނުންގެ ތެރެއިން މާރިދުންތައް، އެމައްސަރުގައި ކަސްތޮޅު އެޅުވޭނެއެވެ. ދެން އެސޮރުމެން އެހެން މައްސަރުތަކުގައި މީސްތަކުން މަގުފުރައްދާ އުޅުނު ގޮތަށް މި މަހުގައި އެކަމެއް ނުކުރެވޭނެއެވެ. އަދި ރޯދަމަހުގެ ފަހު ރޭގައި ރޯދަވެރިންގެ ފާފަ ފުއްސެވޭނެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ޤަދްރި ވިލޭ ރޭ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު، ކޮންމެމީހަކަށްވެސް އޭނާގެ ފުރިހަމަ އުޖޫރަދެވެނީ އޭނަގެ މަސައްކަތް ނިންމާލާ ވަގުތުގައެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

ފަސް ކަންތަކަކީ ﷲ ތަޢާލާ ތިޔަބައިމީހުންނަށްޓަކައި ރައްކާތެރި ކުރައްވާފައިވާ ފަސްކަންތަކެވެ. އަދި މިއީ އެހެން ހުރިހާ އުންމަތްތަކުގެ މައްޗަށް ތިޔަބައިމީހުންނަށް ޚާއްޞަކުރައްވާފައިވާ ކަންކަމެވެ. އަދި މިކަންކަން ތިޔައިބައިމީހުންނަށް މިންވަރުކޮށްދެއްވާފައިވަނީ އެއިލާހު ނިޢުމަތްތައް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވުމަށްޓަކައެވެ.

ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އެއީ ރޯދަވެރިޔާ ރޯދަ ވީއްލާއިރު ވާ އުފަލަކާއި، ރޯދަވެރިޔާ ﷲ ސުބުޙާނަޙު ވަތަޢާލާއާ ބައްދަލު ވާހިނދު ލިބޭ އުފަލެކެވެ. ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު އުފާކުރަނީ، ﷲ ތަޢާލާ އޭނާއަށް ރޯދައިގެ އަޅުކަންމަތީ ޤާއިމްވެ ހުރުމުގެ ނިޢުމަތްދެއްވި ކަމަށްޓަކައެވެ. އެހެނީ ރޯދައިގެ އަޅުކަންވަނީ އެންމެ ހެޔޮވެގެންވާ ޞާލިޙް ޢަމަލުތަކުގެ ތެރެއިންނެވެ. ކިތައްމީ ހުންއެކަމުން މަޙްރޫމުވެ ރޯދަ ނުހިފާ ތިބޭ ހެއްޔެވެ. އަދި ރޯދަވެރިޔާ ރޯދައަށް ހުންނަ ހުރުމުގައި ކުރުން ޙަރާމް ކަންތައްތަކުގެ ތެރެއިން ކެއުންބުއިމާއި އަނބިންނާއެއްކޮށް އެއްދާންކުރުން (ރޯދަ ވީއްލުމަށްފަހު) ހުއްދަ ކުރައްވާފައިވާ ވުމާމެދު ރޯދަވެރިޔާ އުފާކުރެއެވެ.

ރޯދަވެރިޔާ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ބައްދަލުކުރާއިރު އުފާވަނީ، ރޯދަވެރިޔާ ﷲ އާއި ބައްދަލުކުރާހިނދު، އެކަމަށް އޭނާއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުގައި، އޭނާގެ ރޯދައިގެ އަޖުރު ފުރިހަމަވެ ގިނަވެފައިވާހާލު ފެންނާތީއެވެ. ރޯދަވެރިޔާއަށް ޤިޔާމަތް ދުވަހުގައި ޝަފާޢަތްތެރިވެދޭ އެއްޗަކަށް ރޯދަ ވެގެންދިޔުންވަނީ، ރޯދައިގެ މާތްކަމުގެ ތެރޭގައެވެ.

ނޯޓު: މިއީ އަބޫ ފުޟައިލު މުއުތަމިން އަޙްމަދު ދިސަލަފިއްޔާގައި ލިޔެފައިވާ ލިޔުންތަކަކުން މައުލޫމާތު ނަގައިގެން ޝާއިއުކުރާ ދީނީ ލިޔުމެކެވެ.