ރޯދައަށް ހުރުމަކީ އާދަޔާ ޚީލާފު ބަދަލުތަކެއް ހަށިގަނޑަށް އަންނަ ދުވަސްތަކެކެވެ. ހަށިގަނޑުށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމާއި ހަށިގަނޑުން ވިހަ ނައްތާލުން ފަދަ އެތައް ކަމެކެވެ. މިފަދަ މާތް އަދި ގުދުރަތީ ގޮތުން އާދަޔާ ޚިލާފު ނިޢުމަތެއް ލިބިފައިވާ ހިނދު މިކަމުގެ ފައިދާ އެންމެ ބޮޑަށް ލިބިގަތުމަށްޓަކައި ފުރުސަތު ތަނަވަސްވަނީ އަހަރެމެން ކެއިން ބުއިން ބަހައްޓާ ގޮތާއި ހެލިފެލިވެ އުޅުމާއި ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުފުން ފަދަ ކަންކަމަށް ބޮޑު ބަދަލުތަކެއް ގެނެސްގެންނެވެ. ރަނގަޅު ކާނާ އިޚްތިޔާރު ކުރުމާއި އިފްތާރު ގަޑީގައި ކާ ކާނާއަށް ސަމާލުވެ ކޮންޓްރޯލް ކުރެވިގެންނެވެ. ކެއުމަށްޓަކައި ލިބެނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. މި ވަގުތުކޮޅުގައި މިންހެޔޮކޮށް ދުޅަހެޔޮ ކާނާ ކެއުން ވަރަށް ވެސް މުޙިއްމެވެ.

މި ލިޔުމުގައި ބަލާލެވިފައިވާނީ ފަހުދިހައިގެ ޞިއްޙީ ފައިދާ ތަކާ ގުޅޭ ގޮތުންނެވެ. މީގެ ކުރީގެ ލިޔުމެއްގައި މުޅި ރޯދަމަހުން ލިބޭ ފައިދާތައް ލިޔެފައިވާނެއެވެ. ފަހުދިހައަކީވެސް އާދަޔާއި ޚިލާފް ބަދަލުތަކެއް ހަށިގަނޑަށް އަންނަ ދުވަސްވަރެކެވެ. ފަހުދިހައާއި ހަމައަށް އަންނައިރު ހަށިގަނޑު ހުންނާނީ ރޯދައަށް ރަނގަޅަށް ހޭނިފައެވެ. މިގޮތުން ވަރުޖެހި ވަރުގަދަ ވުމާއި ވަރުބަލިކަން އިޙްސާސްކުރެވުމާއި އެނބުރުން އެރުންފަދަ އެތަށް ކަމަކުން ވާނީ އަރައިގަނެވިފައެވެ. މި ދުވަސް ވަރު ވިސްނުން ތޫނުވެ، ހަނދާން ގަދަވުމުގެ ބާރު އިތުރުވެއެވެ. އަދި ސަމާލުކަން ދޭން ފަސޭހަވުމާއި މަސައްކަތްތަކުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދެއެވެ. މި ދުވަސްތަކުގައި ހަށިގަނޑުގައިވާ ޓޮކްސިންތައް ބޭރު ކުރެވި ގުނަވަންތަކުގެ މަސައްކަތް ފުރިހަމަވެ ގުނަވަންތަކުގެ ހީލިން ޕްރޮސެސް ނުވަތަ މަރާމާތު ކުރުމުގެ މަރުހަލާތައް ވާނީ ނިމި ފުރިހަމަ ވެފައެވެ. އަދި ހަށިގަނޑުގެ ހަރަކާތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެންދެއެވެ.

މީގެ އިތުރުން ހަށިގަނޑަށް ލިބޭ ފައިދާ ތަކުގެ ތެރޭގައި ބަރުދަން ލުއި ވުމާއި، ޑީއެން.އޭ ރައްކާތެރިވުމާއި، އިންސިއުލިންގެ މަސައްކަތް ފުރިހަމަވުމާއި ހަށިގަނޑުގައި ހަކުރުގެ މިންވަރު ހިފެހެއްޓުމާއި، ސިކުނޑީގެ މަސައްކަތް އިތުރުވުމާއި، ހަށިގަނޑުގައިވާ ހޯމޯން ތަކަށް ރަނގަޅު ބަދަލެއް އައުން ކަހަލަ އެތައް ހާސް ފައިދާތަކެއް ވެއެވެ.

މަތީގައިވާ ފައިދާތަކަކީ މާތްﷲ ރޯދަވެރިންނަށް ދެއްވާ ޞިއްޙީ އިނާޔަތެކެވެ. ނިޢުމަތެކެވެ. މި ނިޢުމަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ރޯދަ މަހު އާދަޔާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލު ކުރާ ކުރުން ހުއްޓާލަން ޖެހެއެވެ. ދުންފަތުގެ ދުމުން ރައްކާތެރިކަން ޤާއިމްވާން ޖެހެއެވެ. ދުންފަތުގެ އިސްތިޢުމާލުކޮށްގެން އައުމުގެ ސަބަބުން ތާޑް ހޭންޑު ސްމޯކިންގ ގެ ގެއްލުން ކުޑަވާން ޖެހެއެވެ. މީގެ އިތުރުން ކެއުމުގައި ފައިދާ ހުރި ކާނާ ބޭނުން ކުރުމާއި ޕްރޮސެސް ކޮށްފައި ހުންނަ ކާނާއާއި ތެލާއި ހަވާދާއި ލޮނު އަދި ހަކުރު ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ގަވާއިދުން ނިދުމާއި ބޯން ޖެހޭ މިންވަރަށް ފެން ބޯން ޖެހޭނެއެވެ. ގަވާއިދުން ކަސްރަތު ކުރަންވާނެއެވެ. ކެފެއިން އެކުލެވޭ ބުއިންތަކުގެ ސަބަބުން މީހާގެ ހަށިގަނޑުން ފެން މަދުވާގޮތްވާނެއެވެ. ހަށިގަނޑުގެ މަރާމާތުތަކަށް ފުރުސަތު ދީ އިތުރަށް ބުރަބޮޑުވިޔަ ނުދިނުމަށްޓަކައި މަތީގައިވާ ކަންކަމަށް ސަމާލުކަންދޭށެވެ.