މިދިޔަ މަހުގެ 28ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ނެރުނު މިދިޔަ ހަފުތާގެ މާލީ ހިސާބުތައް ނުވަތަ ވީކްލީ ފިސްކަލް ޑިވްލޮޕްމަންޓްގައިވާ ގޮތުން ދައުލަތަށް 6 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީއާ އާމްދަނީގެ ގޮތުގައި 10 ބިލިއަން ދައުލަތަށް ވަނީ ލިބިގެން ގޮސްފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން 83 ޕަސެންޓު ހިއްސާ ކުރަނީ ޓެކުހެވެ. ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބުނީ 17 ޕަސެންޓުގެ އާމްދަނީއެކެވެ. ޓެކުހުގެ ގޮތުގައި މިހާތަނަށް ދައުލަތަށް ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 7 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ބަޖެޓުގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ 17.8 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން ގޮތް ގޮތުން ދައުލަތަށް ލިބިފައިވަނީ މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ ދެ ބިލިއަން ރުފިޔާއެވެ. ނަމަވެސް ބަޖެޓުގައި ޓެކްސް ނޫން ގޮތް ގޮތުން ހަތް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.

އެހީގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 23 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިހާތަނަށް 461.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް 6 ބިލިއަން ލިބިގެން ދިޔައިރު 10.58 ބިލިއަން ރުފިޔާ ވަނީ ހަރަދުވެގެން ގޮސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް 10 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

މިއަހަރުގެ ބަޖެޓުގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިިވެއެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި މިދިޔަ އޭޕްރީލް މަހުގެ 14ވަނަ ދުވަހު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އަހަރުގެ މިހާތަނަށް ހިލޭ އެހީއާ އާމްދަނީ ލިބިފައިވާ ގޮތަށާއި އަދި ކޮވިޑް19 ގެ ސަބަބުން ފަތުރުވެރި ކަމަށާއި އެހެނިހެން ދާއިރާތަކަށް އަންނާނެ ކަމަށް ބެލެވޭ ލޮޅުންތަކަށް ބިނާކޮށް ދައުލަތަށް މިއަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރަނީ ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ ކަމަށެވެ.