އުފަންދަރި ހޯދުމަށް މަންމައަކު ކޯޓަށް ހުށަހެޅި މައްސަލައެއްގައި މަންމައާ އެއްކޮޅަށް ކުރި ހުކުމަށް އަމަލުނުކޮށް ކުއްޖާ ގެންގުޅެމުން އަންނަ ކުއްޖާގެ މާމަގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން ގޮތެއް ކަނޑައަޅައިފިއެވެ.

އެންމެ ފުރަތަމަ ކުއްޖާ ހުރީ ކުއްޖާގެ ބައްޕަ ފަރާތު މާމަ ގާތުގައެވެ. ކުއްޖާގެ މާމަ ގާތަށް ކުއްޖާ ގެންދިޔައީ ކުއްޖާގެ މަންމަ އާއި ބައްޕައާ އިނދެގެން އުޅުނުއިރު ޖެހުނު މައްސަލައަކާއި ގުޅިގެން އޭރު ކުއްޖާ މަންމަ ގާތުގައި ހުރުމުން ކުއްޖާ އަށް އަސަރުކުރާނެ ކަމަށް ބެލެވޭތީއެވެ. އެހެންކަމުން ކުއްޖާގެ މަންމަގެ ވެސް ރުހުމާއިއެކު ފެމެލީ ކޯޓުން ކުއްޖާ މާމާއާ ހަވާލުކުރީއެވެ.

އަދި ފަހުން ކުއްޖާ ބޭނުންވެގެން ކުއްޖާގެ މަންމަ ކޯޓުގައި ދައުވާ ކުރުމުން ފެމެލީ ކޮޓުން ކުއްޖާގެ މަންމައަށް ކުއްޖާ ހަވާލު ކުރުމަށް ހުކުމް ކުރިއެވެ. އެގޮތަށް ފެމެލީ ކޯޓުން ހުކުމް ކުރީ ކުއްޖާ އުޅެމުން އައީ އެންމެ ރަނގަޅު މާހައުލުގައި ނޫންކަން އެނގޭތީ އާއި ކުއްޖާ އެކަށީގެންވާ އަޅާލުން ލިބެމުން ނުދާކަން އެނގޭތީއާ އަދިވެސް އެނޫން އިތުރު ކަންތައްތަކެއް ހުރުމުންނެވެ.

ނަމަވެސް ކުއްޖާގެ މާމަ އެ ހުކުމާއި މެދު ހިތްހަމަ ނުޖެހުމުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ. ނަމަވެސް ހައިކޯޓުންވެސް ނިންމީ ކުއްޖާގެ މަންމައަށް ކުއްޖާ ހަވާލު ކުރުމަށެވެ. އެއީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެ ދެ ކޯޓުގެ ހުކުމަށް ކުއްޖާގެ މާމަ އަމަލު ކޮށްފައެއް ނުވެއެވެ.

އެހެންކަމުން މައްސަލަ ސުޕްރީމް ކޯޓަށް 2014ވަނަ އަހަރު ހުށަހެޅިއެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލަ ސުޕްރީމް ކޮތުގައި އޮންނަތާ 6 އަހަރު ފަހުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލާގައި ގޮތެއް ނިންމާފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބެލި ބެންޗުގައި ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ސުޕްރީމް ކޯޓުން ނިންމީ މި މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ ގާނޫނީ ނުކުތާއެއް ނެތް ކަމަށެވެ. އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު މަހާޒުއެވެ. އަނެއް ދެ ފަނޑިޔާރުން ފަނޑިޔާރު މަހާޒުގެ ރައުޔުއަށް ތާއީދު ކުރެއްވިއެވެ.