މިދިޔަ ނޮވެމްބަރު މަހު އެމްޓީސީސީއާ ހަވާލުކޮށްފައިވާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީ އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލު ބޮޑުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށާއި، މި މަޝްރޫގައި ހިމެނެނީ ވާޑް ބްލޮކެއް ގާއިމްކުރުމާއި، ވޯކްވޭ އެއް އެއް އެޅުމުގެ އިތުރުން ހޮސްޕިޓަލުގެ އޯޕީޑީ އަދި ލެބް އޭރިއާއެއް ގާއިމްކުރުން ކަމަށެވެ.

މި ޕްރޮޖެކްޓަކީ 30.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.

ޒިޔާރަތްކުރާ މީހުންނާއި އަޅާ ބަލާއިރު އެ ހޮސްޕިޓަލުގައި އެކަށީގެންވާ މިންވަރަށް ޖާގައިގެ ތަނަވަސްކަން ނެތުމަކީ އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން މާލެ ދެވޭ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް އަންނަ މީހުން ގިނަވެ ޖާގައިގެ ދަތިކަން ތަހައްމަލުކުރަން ޖެހޭ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ލޭބާ ރޫމުގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް މި ދުވަސްވަރު ވަނީ ގިނަވެފައެވެ. އެގޮތުން މީގެ ކުރިން އާންމުކޮށް މަހަކު އެ ހޮސްޕިޓަލުގައި ވިހަނީ 30 މީހުންނާއި 40 މީހުންނާއި ދެމެދުގެ އަދަދަކަށް މީހުން ކަމަށާއި މިހާރު އެ އަދަދު 60 އާއި 70 އާއި ދެމެދުގެ އަދަދުތަކަކަށް އިތުރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.