ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ ބޮޑު ބައި ނިމިފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ ތާރު އެޅުމުގެ މަސައްކަތް ކަމަށް އެމްޓީސީސީ އިން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީ އިން ވިދާޅުވީ ހޯރަފުށީގައި އަޅަމުން އަންނަ އެއާޕޯޓުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަަމާއި، މިހާރު ކުރިއަށް ދަނީ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް ކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގެ ހެދުމުގެ މަޝްރޫގެ ދަށުން އެ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭ އަކާ 8635 މީޓަރުގެ އޭޕްރޮން އަދި ޓެކްސީ ވޭ އެއް ހެދުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ އެއާޕޯޓުގައި 1718 މީޓަރުގެ އެކްސެސް ރޯޑެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއާޕޯޓު އެޅުމަށް މިދިޔަ އަހަރު 842،200 މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ. އެތަނުގައި ރިވެޓްމަންތް ޖެހުމުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.

މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ސަރުކާރުގެ މަޝްރޫއުތަކަށް ބަލާ އިރު މި އަހަރުގެ ތެރޭގައި ޑޮމެސްޓިކް އިތުރު ހަތަރު އެއާޕޯޓް ހުޅުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ށ. ފުނަދޫ، ޅ. މަޑިވަރު، އަދި ގ.ދ. މާވާރުލު އެއާޕޯޓް ހުޅުވުމަށް ވަނީ ނިންމައިފައެވެ.