އަމާޒަކީ 2028 ވަނަ އަހަރާއި ހަމައަށް ރާއްޖެއަށް ތިން މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ބޮޑުތިލަދުން މައްޗައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑްގެ ތެރޭގައި އުންމީދެއް ނެތް ކަމުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަމުން ދިޔަ ކަމަށެވެ.

ބައެއް ސިޔާސީ ލީޑަރުން ވިދާޅުވީ ރިސޯޓްތަކުގެ ބަދިގެތަކުގައި ރިހާކުރު ކައްކަން ފަށަންވީކަމަށާއި މި ރާއްޖޭގެ ޓޫރިޒަމް ހަލާކުވެގެން ދިޔައީ ކަމަށް އެބޭފުޅުން ބުނަމުން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނާނެ ޓޫރިސްޓަކު ނުވާނޭ ކަމަށް ވެސް އެ ބޭފުޅުން ބުނަމުން ދިޔަކަމަށާއި މިއީ ސަރުކާރާއި ދޭތެރޭގައި މީހުންގެ ނަފުރަތު އުފެއްދުމަށްޓަކައި ކެނޑިނޭލި ދައްކަމުންދިޔަ ވާހަކަދައްކަތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ހއ. ހޯރަފުށީގައި. --- ފޮޓޯ: އެމްޑީޕީ

"އެހެން ނަމަވެސް މި އަހަރު 1.9 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ. އަޅުގަނޑުމެންނަށް އެ ދުވަހު ވެސް އިނގޭ އެޅި ފިޔަވަޅުތަކާއިއެކުގައި ރާއްޖޭގެ މުސްތަގުބަލް އެބަ އޮތް ކަން. އެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން އަވަށްޓެރި ގައުމުތަކަށް ވެގެންދިޔަ ގޮތް މިހާރުވެސް އެ އޮތީ ފެންނަން." ރައީސް ވިދާޅުވިއެވެ.

މިއަދު މިހިސާބަށް އާދެވިފައި މިހުރީ އެ ދުވަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 2028 ހިސާބަށް އަމާޒަކީ ރާއްޖެއަށް ތިން މިލިއަނަށްވުރެ ޓޫރިސްޓުން ދައްޗެއް ނެތި އަންނާނެ މަގުފަހިކޮށް ދިނުން ކަމަށެވެ. އިގްތިސޯދު ބައްޓަންކުރާ ވާހަކަ މި ދައްކަނީ އެއާއެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"މާލެ އިންޓަނޭޝަލް އެއާޕޯޓް ނިމިގެން އެ ދަނީ. ހަނިމާދޫ އެއާޕޯޓް ފެށިގެން އެ ދަނީ . އައްޑޫ ޑިވެލޮޕްވަނީ. ތަސައްވަރެއް އޮވެގެން އަމާޒެއް އޮވެގެން. ޕްލޭނެއް ކުރެވިގެން ކަންތައްތައް ކުރީމަ ވާގޮތް. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ވެރިކަމެއް ނުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ހޯރަފުށީގައި ރައީސަށް މަރުހަބާ ދަންނަވަން މިއަދު އެއްވެފައި ތިބި މީހުން. --- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ، އެ ދުވަހު ރިސޯޓްތަކުގެ ބަދިގެތައް މަސްކައްކާތަނަކަށް ހެދިނަމަ ކިހިނެއްތޯ މިއަދު ރާއްޖެއަށް ދެކެމުންދާ ތަރައްގީ ނުފެންނާނެ ކަމަށެވެ. މިއީ ފިތުނައާއި ފަސާދާއާއި ދެކޮޅުވެރިކަން އުފައްދަން ވެގެން ދައްކަމުންދާ ވާހަކަތައް ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވަނީ ހޯރަފުށީގެ ހުރިހާ މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށް މިއަދު ވައުދުވެވަޑައިގެންފައެވެ. އަދި އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ ދަތިކަމަށް ހައްލެއް ގެނެސް ހޯރައުސް އަޅުއްވާދެއްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެދުރުބެ

    ގައުމުގެ ބަޖެޓްގަ ޖަހާ އަދަދުގެ 100 ގުނަ އިތުރަށް ޑޮލަރުން ފައިސާ ވަންނައިރު ކީއްވެހޭ ރުފިޔާދީފަ ގަންނާނެ ޑޮލަރެއް މިގައުމުގަ ނުހުންނަނީ ކަލޭމެންނަށް ކަންކަން ކުރެވޭ ވަރު ފެންނަން މިހުރީ

  2. ޜައްޔިތުމީހާ

    އަހަރަކު 5 މިލިއަން ޓޫރިސްޓުންނައް އަމާޒުހިފާ 2016 ވަނަ ަހަރު ވީއައިއޭ ތަރައްގީކުރަންފެށީ އޭގެ9 އަހަރުފަހުން ތިޔަބުނަނީ 3 މިލިއަންގެ ވާހަގަ. ޜައްޔިތުން ވިސްނަންމިގެހެނީ ފަހަތައް ދަނީތޯ ނޫނީ ދާނީ ކުރިއައްތޯ

  3. ކ

    އިހަށް 2023 ގެ ވާހަކަ ދައްކާ 2023 ސެޕްޓަމްބަރު 9 ގައި ރައްޔިތުން ތިބޭފުޅާ ރައީސް އޮފީހުން ނެރޭނެ

  4. ހުސޭނުބޭ

    ކަލޭގެ ހުންނަ ލަދުހަޔާތްކުޑަކަމާއޭ! ކަލޭ ތީ ރާއްޖެއަށް ޓްއަރިސްޓުން އަންނާތީ ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރުމަށް މުޅި ޔޫރަޕްގައި ދެފައި އެއްތާނުޖަހާ ދުވުނު ގްރޫޕްގެ ބޮޑެއް ނޫންތަ؟