މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިތައް ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ގުޅިގެން ކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން އިއްޔެ ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ޒޯންގައި ކުނިތައް ގިނަވެ، ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދަނިކޮށް ޕްލޭނިން މިނިސްޓްރީން އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ކައުންސިލުން ވަނީ މަގުތައް ސާފު ކުރުން ވެމްކޯއާ އެކު ކުރިއަށް ގެންދިއުމަށް ނިންމާފައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އިންޑަސްޓްރިއަލް ޒޯނުން ކުންފުނިތަކަށާއި، ބައެއް އަމިއްލަ ފަރާތްތަކަށް ބިން ދޫކޮށްފައިވީނަމަވެސް މިއަދާ ހަމައަށްވެސް އޭގެ ތެރެއިން ގިނަ ބިންތައް ހުރީ މަސައްކަތެއް ނުކޮށް، ހުސް ބިންތަކެއްގެ ގޮތުގައެވެ. އެހެންވެ ބައެއް މީހުން ގޭގެއިންނާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުންނަ ކުނިތައް ޕިކަޕެއްގައި ގެނެސް، އެ ތަންތަނަށް އަޅަމުންދާ ކަމުގެ ޝަކުވާ މި ދޭތެރެ އިން ބައެއް ރައްޔިތުން ވަނީ ކޮށްފައެވެ.

އެނގިފައިވާ ގޮތުގައި މާލެ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދުގައި ފުލުހުންގެ ޕޯސްޓެއް ގާއިމު ކުރަން ނިންމައިފައެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ޒޯން މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހި، ފުރި ބާރުވެފައެވެ. ކަސްޓަމުން ނެރެގެން ގެންދާ ގިނަ ވެހިކަލްތައް ބާއްވަނީ ވެސް އެތަނުގައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަނުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.

އިންޑަސްޓްރިއަލް ޒޯނަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.