އިޓާލިއަން ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވުމާ ގުޅިގެން ޔުވެންޓަސް އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗް އެއްވަރުވި ނަމަވެސް ޔުވެންޓަސް ފައިނަލަށް ދަތުރުކުރީ މިލާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-1 އިން އެއްވަރުވުމުން އަވޭ ގޯލުގެ އުސޫލުން ކުރި ލިބިގެންނެވެ.

ޔުވެންޓަސްއާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އިންޓަ މިލާނާއި ނަޕޯލީ މިރޭ ވާދަކުރާ ސެމީ ފައިނަލް ދެވަނަ މެޗުން ކުރި ހޯދާ ޓީމެކެވެ. މި ދެޓީމު އިންޓަގެ ދަނޑުގައި ވާދަކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ނަޕޯލީއެވެ. ނަޕޯލީ އާއި އިންޓަ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.

ރޭގެ މެޗާ ޔުވެންޓަސް އިން ކުރިމަތިލީ އަނިޔާގެ ސަބަބުން އާޖެންޓީނާގެ ފޯވަޑް ގޮންޒާލޯ ހިގުއައިން އާއި އިޓަލީގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީގެ އިތުރުން ވޭލްސްގެ މިޑްފީލްޑަރު އެއަރޮން ރަމްސީއާ ނުލައެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން މިލާންގެ ސްވިޑެން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް މި މެޗުގައި ނުކުޅެއެވެ.

ރޭގެ މެޗްގައި ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ޔުވެންޓަސް އިންނެވެ. މެޗްގެ ފުރަތަމަ ހާފު ފެށިގެން 16 ވަނަ މިނެޓުގައި ލީޑް ނަގަން ޔުވެންޓަސް އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތިރީ ދަނޑިއަށެވެ. މިއީ މިލާންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ޔުވެންޓަސް އަށް ދިން ޕެނަލްޓީ އެކެވެ.

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބް ވުމުން މިލާނަށް ލިބުނު ހިތްހަމަޖެހުން ދެމިއޮތީ ކުޑަ ވަގުތުކޮޅަކަށެވެ. ޕެނަލްޓީ އަށް ފަހު މިނެޓެއް ނުވަނީސް ޔުވެންޓަސްގެ ޑެނީލޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މިލާންގެ ކްރޮއޭޝިއާ ފޯވާޑް އަންޓޭ ރެބިޗް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

މިލާންގެ ދަނޑުގައި ސެމީގެ ފުރަތަމަ ލެގުގެ މެޗު ކުޅުނީ މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ. ދެ ވަނަ ލެގްގެ މެޗު ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ހެދި އިޓަލީގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލުމުންނެވެ.