ރާއްޖެއިން ޖަޕާނަށް ވިއްކަން އުޅުނު 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑް ނުވިއްކިގެން އުޅޭކަމުގެ އަޑުތައް ފެތުރެމުންދާތީ އެކަމާއި ކަންބޮޑުވާ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަޕާން ސަރުކާރުން ލިބޭނެ ކަމަށް ބުނި ސަމުރާއީ ބޮންޑު ނުލިބޭނެކަމުގެ އަޑުތައް ފެތުރެމުންދާ ކަމަށެވެ. އެކަމާއި ކަންބޮޑުވާކަން ހާމަކުރައްވަމުން ސަޢީދު ވިދާޅުވީ، ދައުލަތުގެ އާމްދަނީ ދަށަށްގޮސް މާލީ ނިޒާމު ވަރަށް ބޮޑަށް ބަލިކަށިވެފައިވާ ކަމަށެވެ.

ރާއްޖެއިން ޖަޕާނަށް ވިއްކަން އުޅުނު 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑް ވިއްކައިގެން ސަރުކާރުން ރާވާފައި ވަނީ މިއަހަރުގެ ދަރަނިން ބައެއް ދެއްކުމަށެވެ. ނަމަވެސް މިހާރު އެކަން ހުއްޓިފައިވާ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދަރަނި 12 ބިލިއަނަށް އަރާނެކަން ސަރުކާރުން ކުރިން ހާމަކޮށްފައި ވައިރު، ޖަޕާނަށް ވިއްކަން ހަމަޖެހިފައިވާ ބޮންޑު ނުވިއްކިއްޖެ ނަމަ މި ދަރަނި ފޫބެއްދުމަށް ގޮންޖެހުންތަކާއި ކުރިމަތިވާނެއެވެ.

މި ބޮންޑަކީ ޖަޕަނީސް ޔެން އިން އަގުކުރާ އަދި އެ ގައުމުން ބޭރުގެ ފަރާތްތަކުން ވިއްކާ ބޮންޑެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން، 2020 ވަނަ އަހަރުގެ ޑެފިސިޓް ހޯދަން، 563 މިލިއަން ރުފިޔާ ޓީ ބިލްގެ ގޮތުގައި ވިއްކުމަށްވެސް ހަމަޖެހިފައިވާކަން އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތިރިބެ

    ކިޔެވީރިހާކުރުކެއްކުން މަވެސް މޮޅުބަސްބުނެލަފާނައް

  2. ލޮލްލް

    ހެހެހެހެ މި ވެސް ވަރަށް ފައްކާ ކާޓޫނެއް

  3. ދަރަނި

    ދެން އެންމެފަހުން ހުރިހާ ޓީބިލްތަށް ވިއްކަމުންގޮސް ޓީޖެޓީވެސް ވިއްކާލަފާނެ ކަމުގެ ބިރު ބޮޑު މިއޮތީ މިގައުމަށް ޖެހިފައޮތް ބަލާވެރި ސަރުކާރެއް.