ހުޅުމާލެ ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލުން ވައްކަންކުރަން ވަދެ އުޅުނު ދެމީހަކު ފިލަން މަސައްކަތްކުރަނިކޮށް ފުލުހުންގެ މަސައްކަތުން ހުއްޓުވައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރާއި 37 އަހަރުގެ ދިވެހި ފިރިހެނުން ކަމަށެވެ.

މިދެމީހުން ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހު 03:40 ހާއިރު ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލު ފާރުމަތިން ފުއްމާލައިގެން ފިލަން މަސައްކަތްކުރަނިކޮށެވެ. މިދެމީހުންގެ ތެރެއިން 37 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ހިތިގަސްމަގު 3 ނަންބަރު ގޯޅިން އަދި 20 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ 48 ނަންބަރު ފްލެޓް ކައިރިން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެދެމީހުން ހައްޔަރުކޮށް، ގޭޓްވޭ އިންޓަރނޭޝަނަލް ސްކޫލާއި ސްކޫލް ކައިރި ބަލައިފާސްކުރިއިރު، ފޯނަކާއި ދެ ދަތްގަނޑާއި ކަށިގަނޑުތަކެއްގެ އިތުރުން ދަބަހަކާއި އަންގިއާއި މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސްއިން ދަނީ ތަޙުޤީޤު ކުރަމުންނެވެ.