މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ޓްރާންސިޓް ހޮޓަލްގެ ބޭނުންކުރުމަށް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަ ދޭން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިހާރު ވަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ ގުޅޭ މަސައްކަތްތަކުގެ ތެރެއިން "ގައިޑްލައިން ފޮރ ރީ-ސްޓާރޓިން ޓޫރިޒަމް އިން މޯލްޑިވްސް"ގެ ނަމުގައި ގައިޑް ލައިނެއް އާންމުކޮށްފައެވެ. އެ ގައިޑްލައިންގައި ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، އަމަލުކުރަން ޖެހޭ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، އެ ގައިޑްލައިންގެ ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައިގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނެ ކަމަށެވެ.

އެހެންކަމުން މި ގައިޑްލައިން އާއި ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވަނީ އެ ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހު އޮޕަރޭޝަންގައި ކުރުމަށް، ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް އިލްތިމާސްކޮށްފައެެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންއެއްގައި ބުނެފައިވާ ގޮތުން އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވާލާނެއެެވެ. އެހެން ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މި ތާރީހު ބަދަލުވެގެންވެސް ހިނގައިދާނެ ކަމަށް ބުނެފައި ވެއެވެ.

އަދި ސޭފް ޓޫރިޒަމް ލައިސަންސް ލިބި ގެސްޓް ހައުސްތައް ހުޅުވޭނީ އެ ގެސްޓް ހައުސް ހިމެނޭ ދާއިރާއެއްގެ ކައުންސިލް އިން ހުއްދަ ހޯދުމުންނެވެ.

އަދި މީގެ އިތުރުން އެ ގައިޑްލައިންގައި ބުނެފައި ވަނީ، އެއާޕޯޓުން ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ދިއުމަށް ހުއްދަ ދެވޭނީ ރާއްޖެއައިސް ހަދާ ޕީސީއާރުގެ ޓެސްޓްގެ ނަތީޖާ ލިބުމުން ކަމަށެވެ.