ރ. ހުޅުދުއްފާރުން މިއަދު ކޮވިޑް-19 އަށް ފައްސިވި މީހާ އާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކޮންޓެކްޓެއް ނެތް ކަމަށް އޭނާ ބުނެފިއެވެ.

އެ ރަށުން ފައްސިވި މީހާގެ ފޭސްބުކް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް ހުޅުދުދުއްފާރުގެ އެއްވެސް ރައްޔިތަކަށް އޭނާގެ ފަރާތުން އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑާ މެދު ހާސްވެ ކަންބޮޑުވެ ނުލައްވާށެެވެ. ހުރިހާ ކަމެއް ވެސް އަޅުގަނޑަށް ހަމަ އާދައިގެ މަތިން ރަނގަޅެވެ." އެމީހާގެ ޕޯސްޓުގައިވެއެވެ.

ކޮވިޑް-19 އަށް ފައްސިވި ކަމުގައިވީ ނަމަވެސް އެކަމުގެ ސަބަބުން އެއްވެސް އުނދަގުލެއް އަދި ކުރިމަތި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި ހުޅުދުއްފާރުގައި އޭނާއާ އެއްވެސް ގޮތަކުން ބައްދަލުވި މީހަކު ނުހުންނަނެއެވެ. އެ ރަށަށް ގޮސް ކަރަންޓީންވި ދުވަހުން ފެށިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގަވައިދުތަކަށް ފުރިހަމައަށް ބޯލަނބާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.

އޭނާގެ ވޭދަނަ (ކޭސް)އާއި ގުޅިގެން މިހާތަނަށް ކަރަންޓީނުކޮށްފައި ވަނީ ދެ މީހުންނެވެ. އެ ދެ މީހުންނަކީ އޭނާ ކަރަންޓީނުގައި ހުރި އިރު ކާއެއްޗެހި ފޯރުކޮށްދެމުން އައި ދެމީހުންނެވެ.

ރޭގެ ވަގުތެއްގައި ރ. ދުވާފަރުން ވެސް ތިން މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމީހުންނާއި ރަށުގެ އެހެން ބައެއް މީހުންނާއި ބައްދަލު ވެފައި ވާތީ ދުވާފަރަށް އަރައި ފޭބުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2664 އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 2268 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ފަރުވާ ހޯދަމުންދަނީ 368 މީހުންނެވެ.