ހއ. ބާރަށު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރަށު އޭސިއާ ނަމަކަށް ކިޔާ ގެއެއްގައެވެ. މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ބާރަށު ކައުންސިލްގެ ރައީސް، އާސިފް އަބްދުﷲ ވިދާޅުވީ، ރަށުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިހާކު ރިޕޯޓް ކޮށްފައިވާތީ އެ ސަރަހައްދަށް ދެވުނު އިރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

“މެންދުރު 12:00 ޖަހާކަންހާއިރު މައުލޫމާތު ލިބުނީ. އެ ސަރަހައްދަށް ދެވުނުއިރު އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލްކޮށްފި“ އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، އެގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައި ނުވާ ކަމަށާއި މައުލޫމާތު ލިބޭގޮތުގައި ރޯވެފައިވަނީ އެގޭގެ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އައި ކޮޓަރިއެއްގައި ކަމަށެވެ.

”އަލިފާނުގެ ހާދިސާ ހިނގި ކޮޓަރިބަރި ނުވަތަ ގުދަން ބޭނުން ނުކުރެވޭ ވަރުވެފައިވަނީ. ފުރާޅުނެތޭ ބުންޏަސް ދޮގަކަށް ނުވާނެ. ފާރުތައްވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި“ އާސިފް ވިދާޅުވިއެވެ.

ބާރަށު “އޭސިއާ” ގޭގައި ހިނގި އަލިފާނުގެ މިހާދިސާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.