ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގި އަލިދޫ ރިސޯޓްގައި ގުދުރަތީ ހާދިސާއެއް ހިނގާ ލިބުނު ގެއްލުމަށް، އެލައިޑާ އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދީ ދިގު މުއްދަތެއް ހޭދަވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޔޮޓް ޓޮއާޒްއިން ނިންމައިފިއެވެ.

އެލައިޑުން އެ ފައިސާ ނުދިނުމުގެ ސަބަބުން އެކި ގޮތްގޮތުން ލިބުނު ގެއްލުނުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް މައްސަލައެއް ހުށަަހަޅަން، ޔޮޓް ޓުއާޒް މޯލްޑިވްސްގެ ބޯޑުން ނިންމާފައި ވަނީ މިއަދެވެ.

އަލިދޫ ރިސޯޓަށް އިންޝުއަރެންސް ފައިސާ، އެލައިޑް އިންޝިއުރަންސް ކޮމްޕެނީން ނުދިން މައްސަލައާ ގުޅިގެން، އެލައިޑާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްޔެ އިއްވައި ޔޮޓް ޓުއާޒް އަށް 22 މިލިއަން ޑޮލަރު ދެއްކުމަށް އެލައިޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ، އެ މައްސަލަ ކޯޓު މަރުހަލާތަކުގައި ތާށިވެފައި އޮންނަތާ ފަސް އަހަރު ފަހުންނެވެ.

64 މިލިއަން ޑޮލަރުގެ (986 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ އަގުހުރި ރިސޯޓަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އަލިދޫ ރިސޯޓުން އިންޝުއަރެންސް ފައިސާ ހޯދަން އެންމެ ފުރަތަމަ އެދިފައި ވަނީ 2014 ވަނަ އަހަރެވެ.

ހއ. އަލިދޫ ރިސޯޓު އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން އިންޝުއަރކޮށް އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެލައިޑުން ދައްކާފައިވާކަން އެނގޭކަން ސިވިލް ކޯޓުން ކޯޓުން ކުރި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އިންޝުއަރެންސަށް ވާ ފައިސާ ޔޮޓްޓުއާޒްއިން އެލައިޑް އަށް ދައްކާފައި ވަނިކޮށް، 30 އޯގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާއި ދެމެދު މޫސުން ވަރަށް ބޮޑަށް ގޯސްވެ ހަލަބޮލިވެ (ރާޅުބޮޑުވެ) ކުރިމަތިވި ޤުދުރަތީ ޙާދިޘާއެއްގައި އަލިދޫ ރިސޯޓުގެ މޫދު ރޫމުތަކަށް ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އިރު، އެ ޙާދިސާގައި ހއ، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ ދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ފަޔަރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ގެއްލުންތަކެއް ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.