ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ހުށަހެޅުއްވި އެ އިސްލާހު ޖުޑީޝަރީ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 71 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީ ރިޕޯޓުގައި ބުނެފައިވަނީ ގާނޫނޫ ފަންނުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ގާނޫނަށް އަމަލުކުރަން ފަށާއިރު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ މަތީ ތައުލީމު ދޭ މަރުކަޒަކުން ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ހާއްސަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށެވެ.

ތަމްރީނު ޕްރޮގްރާމްގައި ހިމެނޭ ވަކިވަކި ބައިތަކާއި، އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންގެ ފެންވަރު ވަޒަންކުރާނެ ގޮތް ބަޔާންކުރާ އުސޫލެއް ބާ ކައުންސިލުން އެކުލަވާލައި، އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 7 ދުވަހުގެ ތެރޭގައި، އެކުލަވާލާ ގެޒެޓު ކުރަންވާނެ ކަމަށްވެސް ފާސްކުރި އިސްލާހުގައިވެއެވެ. އަދި އެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ
ތާރީހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި، ތަމްރީނު ޕްރޮގްރާމު ފަށަން ވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ތަމްރީނު ފުރުހަމަ ކުރާ ވަކީލުން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރަން ވާނެ ކަމަށްވެސް ޖުޑީޝަރީ ކޮމެޓީން އެކުލަވާލި ރިޕޯޓުގައިވެއެވެ. އެ އިންތިޒާމު ހަމަޖައްސަން ވާނީ ބާ ކައުންސިލުން ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަކީ 27 ޖޫން 2019 ގައި އަމަލުކުރަން ފަށާފައިވާ، ރާއްޖޭގައި ގާނޫނީ ވަކީލުންނާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރުމާ ގުޅޭ ގޮތުން އަމަލުކުރަންވީ ގޮތްތައް ބަޔާންކޮށްދީފައިވާ ގާނޫނެވެ.

މި ގާނޫނުގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، އެއީ އޭގެ ކުރިން އަމަލުކުރަމުން ގެންދިޔަ އުސޫލާއި ވަރަށް ތަފާތު އުސޫލުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީއަނިޔާ

    އެމްޑީޕީ މޭކްސް ދިސް ސައުންޑް ލައިކް އަ ހިއުޖް ފޭވަރ. ގާނޫނު އެކުލަވާލި އިރު ޓްރާންސިޝަން ޕީރިއަޑް ނުލާ 1 އަހަރު ދުވަހަށްތުރެ ގިނަދުވަހު ލޯ ގްރެޖުއޭޓްސް ވާނުވާގަ ބަހައްޓާފަ 1 މަސް ދުވަހުގެ ތަމްރީން އަދި އޭގެ މައްޗަށް ބާ އެގްޒާމް. މިއީ ފޭވަރ އެއްނޫން. މިއީ އަނިޔާއެއް.