ރާއްޖޭގެ އުތުރާއި، މެދު ތެރޭގެ އަތޮޅު ތަކުގެ ރަށްތައް ހިމެނޭ ސަރަހައްދުގެ ކަނޑުތައް ގަދަވެދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ، ގަޑިއިރު 19 މޭލާއި 24 މޭލާއި ދެެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ 18:00 އަށެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެން ވާ ކަމެއް ކަމަށްވެސް ވަނީ ލަފާކޮށްފައެެވެ.

އަދި މީގެ އިތުރުން ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަަމަށްވެސް ލަފާކޮށްފައި ވެއެވެ.

އަދި ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.