އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ 11.3 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މި އަހަރުގެ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ދައުލަތަށް ލިބިފައި ވަނީ 4.35 ބިލިއަން ރުފިޔާއެވެ. ފުރަތަމަ ކުއާޓަރުގައި ޓެކުހުގެ ގޮތުގައި 3.65 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް އެއީ ވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރު 6.3 ޕަސެންޓު ދަށް އަދަދެކެވެ. ޓެކުސް ނޫން އެހެން ގޮތް ގޮތުން ދައުލަތަށް 700 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް އެއީ ވެސް މިދިޔަ އަހަރާއި އަޅާ ބަލާއިރި 31.1 ޕަސެންޓު ދަށް އަދަދެކެވެ.

އެންމެ ގިނަ އާމްދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނީ ފަސް ދާއިރާއަކުންނެވެ. އެ ދާއިރާތަކުން ލިބުނު އާމްދަނީ އަކީ ދައުލަތަށް މުޅި ޖުމްލަ ލިބުނު އާމްދަނީގެ 85 ޕަސެންޓެވެ.

އެގޮތުން ޖީއެސްޓީން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 2.3 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ބީޕީޓީ އިން 1.3 ބިލިއަން ރުފިޔާ ލިބުނުއިރު މިއަހަރު 1.13 ބިލިއަން ރުފިޔާ ބީޕީޓީން ވަނީ ލިބިފައެވެ.

ގްރީން ޓެކުހުން މި އަހަރު 236 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައި ވަނީ 241 މިލިއަން ރުފިޔާއެވެ. އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން 200 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 196 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެއާޕޯޓް ޑިވްލޮޕްމަންޓް ސާވިސް ޗާޖުގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި 199.3 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އެއާޕޯޓު ޑިވެލޮޕްމަންޓު ސާވިސް ޗާޖުގެ ގޮތުގައި 195 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު 864 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރު 511 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.