މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހަށް ހާޒިރުވާން އިއުލާން ކޮށްފައި ވަނީ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ނަމަކީ އެމް.ޑީ ޒާކިރު ހުސައިން އެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ BY04838980 އެވެ.

ހާޒިރުވާންޖެހޭ މިމަހުގެ 10 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.