އިންޝުއަރެންސް ކުންފުނިތަކުން މަކަރުހަދާ ކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް އެދި ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

އެ ގަރާރަކީ ރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން ޢަމަލުކުރާ ގޮތުން، އިންވެސްޓަރުންނަށް އެތައްސަތޭކަ މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބިފައިވާތީ، އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެފަރާތްތައް ސަލާމަތް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާއި ހުށަހެޅި ގަރާރެއް ކަމަށް ޖާބިރު ވަނީ "ވަގުތަށް" ވިދާޅުވެފައެވެ.

އަދި އިންޝުއަރެންސް ކުންފުނިތަކުން ޢަމަލުކުރަނީ ވަރަށް ޢައިރު ޒިންމާދާރުކޮށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސައިކަލެއް ނެގިޔަސް އެހެންއެއްޗެއް ނެގިޔަސް ރިސޯޓެއް ނެގިޔަސް އިންޝުއަރެންސް ކުރަން އެބަޖެހޭ. އެކަމަކު ކަމެއް ދިމާވީމާ އެ ލާރިއެއް ނުލިބޭ. ދެން މިޖެހެނީ ކޯޓަށް ދާން. އަޅުގަނޑުގެ އިންޝުއަރެންސް ކްލެއިން ކޯޓުން ހައްލުވީ. އެކަމަކު މި ގަރާރު މި ހުށަހަޅަނީ އާއްމު ރައްޔިތުންގެ ހައްގުގައި. ކިހާބޮޑު ގެއްލުމެއްތޯ މިހެން އިންޝުއަރެންސް ނުދިނުމަކި." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހުއްދަ ދެއްވައިގެން ދިވެހިރާއްޖޭގައި ހިންގަމުން އަންނަ އިންޝުއަރެންސް ކުންފުނިތަކުން ދޭ ޔަޤީންކަމުގެ މައްޗަށް ބަރޯސާވެ، އިންޝުއަރެންސް ކުންފުނި މެދުވެރިކޮށް، އިންވެސްޓަރުންގެ މުދަލުގެ މައްޗަށް ރައްކާތެރިކަން ހޯދުމަށްޓަކައި ދެފަރާތުގެ މެދުގައި ކުރެވޭ އެއްބަސްވުމާއި އިންޝުއަރެންސް ކުންފުނިތަކުން ޚިލާފުވުން އާއްމުކަމަކަށް ވެފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން އިންވެސްޓަރުންނަށް އެތައް ސަތޭކަ މިލިޔަން ޑޮލަރުން ގެއްލުން ލިބެމުން އަންނާތީ، އެލިބޭ ގެއްލުންތަކުން އިންވެސްޓަރުން ޙިމާޔަތްކޮށް ދިނުމަށްޓަކައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް ސަރުކާރުން އަޅާދެއްވުމަށް އެ ގަރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކުން ކުރާ ވިޔަފާރި އަކީ، އިންވެސްޓަރުންނަށް "ޕޮލިސީ" ވިއްކައިގެން ކުރަމުން އަންނަ ވިޔަފާރިއެއް ކަމަށް ވާއިރު، އިންޝުއަރެންސް ކުންފުނިން ވިއްކާ "އިންޝުއަރެންސް ޕޮލިސީ" އިންވެސްޓަރުން ގަންނަނީ، އިންޝުއަރ ކުރެވޭ މުދާ އިންޝުއަރެންސް ކުންފުނިން ބަލައި، އެފަރާތުން އަމިއްލައަށް ކަނޑައަޅާ "ވެލިއު" އެއްގެ މައްޗަށް ކަން އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.

އަދި ދެފަރާތުގެ މެދުގައި އަޤްދު ކުރެވޭ އެއްބަސްވުމާއި އެއްގޮތަށް އިންޝުއަރެންސް ކުންފުނިން ވިއްކާ ޕޮލިސީއެއްގެ ދަށުން "އިންޝުއަރެންސް ޕްރީމިއަމް" ގެ ގޮތުގައި ކަނޑައަޅާ ޢަދަދެއްގެ ފައިސާ އިންވެސްޓަރުގެ ފަރާތުން ދައްކަނީ، ކުރިމަތިވާ ޤުދުރަތީ ކާރިސާއެއް ނުވަތަ ހާދިސާއެއްގެ ސަބަބުން، އެ ފަރާތެއްގެ މުދަލަށް ގެއްލުން ލިބޭ ޙާލަތްތަކުގައި އެގެއްލުންތަކަށް ފަރުވާ ލިބިދޭނެ ކަމަށް އިންޝުއަރެންސް ކުންފުނިން، ދޭ ޔަޤީން ކަމެއްގެ މައްޗަށް ބަރޯސާވެގެން ކަންވެސް އެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.

ދެފަރާތުން ވާ އެއްބަސްވުމާއި އެއްގޮތަށް "އިންޝުއަރެންސް ޕްރީމިއަމް" ދައްކާފައިވަނިކޮށް، ކުރިމަތިވާ ޤުދުރަތީ ކާރިސާ އެއްގެ ސަބަބުން ގެއްލުން ލިބުމުން، އެގެއްލުމުން ސަލާމަތް ވުމަށް ލިބެން ޖެހޭ އިންޝުއަރެންސް ހޯދަން އެދުމުން އެކްލައިމްގައި ހިމެނޭ މިންވަރާއިމެދު ޚިލާފު އުފައްދާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

އެފަދަ ހާލަތްތަކުގައި ހޯދަން އެދުނު އިންޝުއަރެންސްގެ ގެއްލުމަކީ، މާކުރިން ލިބިފައިވާ ގެއްލުމެއް ކަމަށްބުނެ، އެގެއްލުން "އެކުގައި ރިޖެކްޓް" ކޮށް، އިންވެސްޓަރުންނަށް ފޫނުބެއްދޭފަދަ ގެއްލުންތައް ދިނުމަކީ އިންޝުއަރެންސް ކުންފުނިތަކުން މިހާރަކަށް އައިސް ޢާންމުކޮށް ކުރާ ކަމެއް ކަމަށް އެ ގަރާރުގައި ވެއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި އިތުރަށް ބުނެފައި ވަނީ އިންޝުއަރެންސް ކުންފުނިތަކުން އެފަދައިން ޢަމަލުކުރުމަކީ، އިންޝުއަރެންސްގެ ޠަބީޢަތާއި، އިންޝުއަރެންސް ކުރުމުގެ ޚިލާފަށް ކުރެވޭ، އަދި ހެޔޮނިޔަތުން އެއްކިބާވެގެންވާ ޢަމަލެއްކަމަށެވެ.

އެ ގަރާރުގައި ޖާބިރު ވަނީ 3 ކަމަކަށް އެދި ހުށަހަޅާފައެވެ.

1- އިންޝުއަރެންސްއާއި ގުޅޭގޮތުން ގެއްލުން ލިބުނު ފަރާތުން "ކްލެއިލް" ހުށަހަޅާއިރު، އެ ކްލެއިމް ބިނާވެފައިވަނީ، އިންޝުއަރެންސް ކުންފުނިތަކުން އަމިއްލައަށް ކަނޑައަޅާ އަގެއްގެ މައްޗަށް އެފަރާތްތަކުން ވިއްކާ "އިންޝުއަރެންސް ޕޮލިސީ" އެއްގެ މައްޗަށް ކަމަށްވާތީ އާއި، އަދި އިންޝުއަރެންސް ކުންފުނިން ވިއްކާ "އިންޝުއަރެންސް ޕޮލިސީ" އަކީ ޤާނޫނީގޮތުން ދެފަރާތުގެ މެދުގައި ވެވޭ އަޤްދެއްކަން ދިވެހިރާއްޖޭގެ ކޮންޓެކްޓާއިބެހޭ ޤާނޫނު އަށް ބެލުމުން އެނގެން އޮންނަ ކަމަށް ކަނޑައެޅުން

2- އިންޝުއަރެންސް އާއި ބެހޭ މުޢާމަލާތްތަކުގައި ޢަމަލުކުރުމަށް ވަކި ޤާނޫނެއް ރާއްޖޭގައި ވުޖޫދު ވުމާއި ހަމައަށް، ރާއްޖޭގައި ހިންގާ އިންޝުއަރެންސް ކުންފުނިތަކުން ވިއްކާފައިވާ "ޕޮލިސީ" ގެ ދަށުން މުދަލަށް ރައްކާތެރިކަން ލިބޭންޖެހޭފަދަ ނުރައްކަލެއް ކުރިމަތިވެ، ރައްކާތެރިކަން ލިބެންވާ ފަރާތުން "ކްލެއިމް" ހުށަހަޅާ ނަމަ، އެކްލައިމްގައި ހިމެނޭ މިންވަރާއިމެދު ޚިލާފު އުފައްދައި، އަދި އެގެއްލުމަކީ މާކުރިން ލިބިފައިވާ ގެއްލުމެއް ކަމަށްބުނެ، އެގެއްލުން "އެކުގައި ރިޖެކްޓް" ކޮށް، އިންވެސްޓަރުންނަށް ގެއްލުން ލިބޭފަދަ ގޮތަކަށް ޢަމަލުކުރާ ކުންފުނިތަކަކީ ކޮބައިތޯ ބަލާ، އެކުންފުނި ތަކުން ޢަމަލުކުރާ ގޮތުން އިންވެސްޓަރުންނަށް ލިބޭ ގެއްލުންތަކުން އެފަރާތްތައް ސަލާމަތްވާނެ ގޮތުގެމަތިން އެޅެން ހުރި ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާ ދިނުން

3- އަދި އިންޝުއަރެންސް އާއި ބެހޭ މުޢާމަލާތްތަކުގައި ޢަމަލުކުރުމަށް ވަކި ޤާނޫނެއް ވީ އެންމެ އަވަހަކަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްދިނުމަށް ސަރުކާރަށް ގޮވާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފެކްޓް

    އަހަރެންވެސް ބޭނުމެއްނުވޭ ގަންނަ ސައިކަލުގަނޑު އިންޝޫރެންސް ކުރާކަށް. އެކަމަކު އެކަމަށް މިވަނީ މަޖުބޫރު ކޮށްފަ. މިއީ އިޚްތިޔާރަށް ދޫކުރަން ޖެހޭކަމެއް. މަޖުބޫރުކުރެވިގެން ނުވާނެ.
    އަނެއްކޮޅުން ތިބުނާހެން ގެއްލުމެއްވާ ފަހަރު އެމިހުންނަކާ ބެހޭކަމަކށްވެސް ވަނީ އެއް ނޫން.
    މީހުންގެ މުދާ އިންޝުރެންސް ކުރަން މަޖުބޫރު ކުރެވިގެން ނުވާނެ. އެކަން ހުއްޓާލަން ގޮވާލަން

    11
    • ސަނީ

      ކަލޯ މަތިވާހަކަ ދެއްކީމަ މަވީ މޮޔައަކަށް. ބަދަލު ލިބެނީކި ނޫން، އެހޯދަން އެހާމެ އުދަގޫ. އިންޝުއަރެންސް 2 ވަނަފަހަރަށް ކުރަން ދިޔާއިމަ އެހާ އުދަގު ޖެއްސި. އޭގެފަހުން މަނުކުރަން މަސާއިކަލު އިންޝުއަރެންސް. ދެންވެސް ނުކުރާނަން. މަގޭ އެއްވެސް ކަމެއް މަ އިންޝުއަރެންސް ނުކުރާނަން. މިބުނީ ނުކުރާނަމޭ. ހަމަ ކޮމެންޓް ބަލާފަ ބާރުކުރާނީ

  2. ގަމާރު ޖާބޭ

    މީނަގެ ކަމަކީ އަބަދުވެސް ގަރާރު ހުށަހެޅުން!

  3. ތާޖަރު

    މި މަޖިލިސް އުވާލަންވީ

    2
    1
  4. ވެރިން

    މަގޭ ސަ އިކަލް އިންޝޫރެންސް ކުރާކަށް ބޭނުމެ އްނޫން އެކަމަކު ގާނޫނަކުން ބިރު ދަ އްކާފަ މަޖުބޫރު ކުރުވާފަ މި އޮއ އްނަނީ އިންޝޫރަންސް ކުރުން. އެހެންވެ ކުރީ ހެންދުނު ސާކަލަށް އަރަންބެލި އިރު ލޯގަންޑެއް ނެތް މަޑީގަ ކަޓަރު އަޅާފަ އިނަޝޫރެންސުން ބުނަނީ ތާޑުޕާޓީ ޕޮލީސީ އަކުން ތި ކަވަރެއްނުވާނެޔޭ މަގޭ އަތުން މީހެއްގެ އެއްޗެއް ހަލާކު ވެއްޖެއްޔާ އޭތި ހަދާދެވޭނެޔޯ

  5. ގައްޑާ

    ތިވެސް ހަމައެއްބައެއްގެ ފައިދާ އާއި މަސްލަހަތު ހިމާޔަތް ކުރަން ރާވާފަހުންނަ ރޮކެޓް. ސައިކަލް އެކްސިޑެންޓް ވެ ހޮސްޕިޓަލްގަ އެޑްމިޓްކޮށް ކުރެވުނު ފަރުވާ ހެލްތްއިންޝުއަރެންސް އިންކަވަރ އެއްނުވި. ހެލްތްއިންޝުއަރެންސްގެ ބޭނުންކޮބާ؟ ސައިކަލައްލިބުނުގެއްލުމެއްވެސް އިންޝުއަރެންސް އަކުންކަވަރ އެއްނުވި. ވީމަތިޔައިންޝުއަރެންސް އެއްގަވެސް އޮތީ ދެރަމީހާއަށް ދެރަ މޮޅުމީހާއަށް މޮޅުގޮތް. ވައްކަމާ ފަސާދައިގެ އަމަލުތައްހިންގަން ވަކިބަޔަކައް ފައިދާވާގޮތައް ރީތިގޮތުގަ ރައްޔިތުންފެލާ އިނަދަގަޅުވަން އޮންނަ ތިޔައިންޝުއަރެންސް ޕޮލިސީ ތައްއުވާލަުމައް ގޮވާލަން. އަމަނާ ބަފާނާޗކަފުލެއް އެލްއިޑެއްގަ ތަފާތެއްނެތް.

  6. ާއަހުމަދު

    އިންސުއެރެންސު ކުންފުނިތަކުން ކަންތައްކުރަނީ ސރުކާރު ބޭނުންވާގޮތަށް ސަރުކާރަށްބޯކޮށް ލާރިލިބޭ