ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފިހުން ހުދު ސަމާލު ނެރެފައު ވަނީ، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށެވެ.

މެޓް އޮފީހުން ނެރުނު ސަމާލުގައި ބުނެފައި ވަނީ، މިރޭ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ ދަންވަރު 1:30 ގައެވެ.

ކުރިއަަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނެފައި ވަނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަަމށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ބުނެފައި ވނީ، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާ ކަަމަށާއި، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.