ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުން މަޖިލީހުން ރުހުން ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުވައިފިއެވެ.

އެ މައްސަލަ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މި މަހުގެ 6ވަނަ ދުވަހުއެވެ. މައުސޫމް އެންމެ ފަހުން ހުންނެވީ، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރަކަށެވެ. އޭނާ މިދިޔަ އަހަރުގެ ތެރޭގައި އެ މަގާމަށް އައްޔަން ކުރީ ވެރިކަން ކުރާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.

ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ. މައުސޫމް ވަނީ ހޮޓެލް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސް ވެސް ފުރިހަމަ ކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މައުސޫމް 1985 ވަނަ އަހަރު އެންމެ ފުރަތަމަ އަދާކުރެއްވީ ޓުއަރިޒަމް ޑިޕާޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމެވެ. އޭގެފަހުން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ފަތުރުވެރިކަމަށް އެރި ލޮޅުމާ ގުޅިގެން އުފެއްދި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ މެމްބަރުކަމާއި ފަހުން، ޓޫރިޒަމް މިނިސްޓްރީގެ ނައިބު ކަން ވެސް ކުރެއްވިއެވެ.

އޭގެ ފަހުން، ޑީއާރުޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަން ކުރެއްވިއެވެ. ނަމަވެސް ފަހުން ސިޔާސީ މަސައްކަތުން ދުރަށް ވަޑައިގެން މައުސޫމް އުޅުއްވީ ވިލާ ގްރޫޕުން ހިންގާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރަކަށެވެ. އެ ތަނުގައި ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރެއްވުމަށް ފަހު، އަމިއްލަ ވިޔަފާރި ހިންގެވުމަށްޓަކައި ޖެނެރަލް މެނޭޖަރު ކަމުން ވަކިވެވަޑައިގަތީ 2018 ގައެވެ.

މައުސޫމަކީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މައުމޫންގެ ވެރިކަމުގައި އެންވަޔަރަމަންޓް މިނިސްޓަރަކަށާއި ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ވެސް ފުރުއްވިއެވެ. މައުސޫމް، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި، އަލީ ވަހީދު ވަކިކުރެއްވުމާ ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފާތުން

    ރުހުން ނުދޭތި. ކުދި ކުދި ޕާޓީތަކުގެ ވަޒީރުންތިބޭކައްނުޖެހޭ.

  2. އައްޔަ

    މައުސޫމަށް މަޖްލީހަކުން ރުހުމެއް ނުލިބޭނެ. މިއީ ނަޝީދާއި އިބޫގެ ރޭވުންގަނޑުގެ ބައެއް. މިކަން އެގިގެންދަނީ އެމްޑީޕީ ތެރޭގައި ތަޅަމުން އަންނަ ފަންތޮށި ބަޑިތަކުން. ނަޝީދާއި އިބޫ އަކީ ދެއެއްޗެއްކަން އަންގައިދޭން ކުޅޭ އެއްވެސް ކުޅިއެއް ދެން މިގައުމަކު ކާމިޔާބެއް ނުވާނެ. މީނާކާމިޔާބު ނާގާބިލް ވެރިކަމެއް ކަން ދުވަހުން ދުވަހަށް އެގުން ނޫން ކަމެއް ނުވާނެ. ޓުވަރިޒަމް މިނިސްޓަރަކީ ރަތްލާޖެހި އެމްޑީޕީ އަކަށް ނޫނީ އާހިރުގައި ނުވާނެ

  3. ޑައެލޯގް

    އެމްޑީޕީން މައުމޫނަށާއި މައުމޫންގެ ކެބިނެޓަށާއި ސަރުކާރު ކަމުނުގޮސްގެން އެއިރު އެއްޗެތިގޮވީ މައުމޫނުގެ ސަރުކާރުގެ އިސްބޭފުޅުން ކަމުނުދާތީއޭކިޔައިގެންނެވެ. އެގޮތުން ޝާހިދު އޭނާގެ ހަދާފައިވަނީ ކޮރަޕްޝަނުގެ ފައިސާއިންކަމަށްބުނިއެވެ. ނަމަވެސް މިހާރުމިފެންނަނީ މައުމޫނުގެ ސަރުކާރުގެ ކެބިނެޓް މީހުން މިސަރުކާރުގައި އުޅޭތަނެވެ. އެމްޑީޕީން ވަގަށާއި ބާގީއަށްގޮވި ހުރިހައިމީހުން މިވެރިކަމުގަތިބޭތަނެވެ.