ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތި ކަމެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ކުރީގެ ސިއްހީ ހިދުމަތްތެރިން އެކަމާއި ގުޅިގެން ވާހަކަ ދައްކަވާފައި ވަނީ ކަންކަން މާ ބޮޑު ކޮށްލައިގެން ކަމަށް ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު އަދި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޓެގްގެ މެެމްބަރުންނާ އެކުގައި އިޖުތިމާއީ ކޮމެޓީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި ޓެގްގައި އެންމެ އިސްކޮށް އުޅުއްވާ ޑރ. އަލީ ލަތީފު ވިދާޅުވީ އެބޭފުޅުން [ކުރީގެ ސިއްހީ ހިދުމަތްތެރިން] ވާހަކަ ދައްކަވާފައި ވަނީ އެއްވެސް ވަރަކަށް ހަގީގަތް ބައްލަވާ ނުލާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން އެންމެ ބޮޑަށް ބަލަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ބަލި ޖެހުމުން ފަރުވާ ކުރުމަށް ކަމަށް ކުރީގެ ސިއްހީ ހިދުމަތްތެރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ޑރ. އަލީ ލަތީފު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ފުރަތަމަ ބަލަނީ ބަލި އަވަހަށް ހޯދުމަށް ކަމަށާއި ޑައިގްނޯޒްކޮށް ޓެސްޓު ހެދުމަށް ކަމަށެވެ.

"ދެން އޮތީ ޓެސްޓް ހަދައި ނިމުމަށް ފަހު އަޅުގަނޑުމެން ކޮންޓެެކްޓް ޓްރޭސިން ހެދުމޭ. ދެން އޮތް ކަމަކީ ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރުމޭ. މިހުރިހާ ކަންތައްތައް ބަރަބާރަށް ރާއްޖޭގައި ހިނގާފައި ވަނީ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ތިއްބެވި ބޭފުޅުންނަކީ ރާއްޖޭގެ ނިސްބަތުން ބަލާ ކަމަށްވާ ނަމަ އެންމެ ކުޅަދާނަ އަދި ގާބިލު ބޭފުޅުން ކަމަށްވެސް ޑރ. އަލީ ލަތީފު ވިދާޅުވިއެވެ. އެގޮތުން ދިވެހިރާއްޖޭގައި އިންފެކްޝަސް ޑިސީޒްގެ އެންމެ ސްޕެޝަލިސްޓުން ތިބީ ޓެގް ޓީމްގަައި ކަމަށް އަލީ ލަތީފު ވިދާޅުވިއެވެ. ދިވެހިރާއްޖޭގައި ހުރި އެމަޖެންސީ މެޑިސިންގެ ސްޕެޝަލިސްޓް ވެސް ހުރީ ޓެގް ޓީމްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ސިއްހީ ހިދުމަތްތެރިން ވަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަންވެސް ޑރ. އަލީ ލަތީފު ދޮގު ކުރެއްވިއެވެ. ވިދާޅުވީ މަސައްކަތް ކުރެއްވީ ވަރަށް މިނިވަންކޮށް ކަމަށާއި ނުފޫޒު ފޯރުވި ނަމަ އެތަނުގައި ނުތިއްބަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނާ

    ކޮންމެސްބަޔަކު ނުކުމެ ސަރުކާރު ގެ ދިފާއުގަ އެއްޗެއްބުނެލީދޯ...
    1.ގެއަކުން މީހަކު ފައްސިވެގެން ގުޅާއާދޭސް ކުރާއިރުވެސް ނުގެންދޭ ހައިރިސްކު މީހަކު އެބަހުއްޓޭ ކިއާ ރޯ ހޭރޭ އިރުވެސް އަޅައެއްނުލެވޭ..
    2. ގެއަކުންމީހަކު ޕޮޒިޓިވު ވެހްޖިއްޔާ އެގެއްަކުން މީހުންގައިން ސާމޕަލްނަގާ އެބަ 2 3 ދުވަސްތެރޭގަ ފައްސި ނައްސި ވޭތޯ ބަލާ ހޯމްކަރަންޓީނުގަ 14 ދުވަސް ވީމަ ސާމްޕަލްވެސް ނަގަނީ ބައެއްފަހަރު ފައްސީ ދެން ނައްސިވަނީ ފައސި ވެއްޖެނަމަ އެމީހާ އުޅެފަ އެހުރީ ވައިރަހާ އެކު ވުމުން ރަށުގެ މުޖުތަމުގަ ވައިރަސް ފެތުރޭނެ...
    3.އަދިވެސް އިންޑިއާ އިން ފޮނުވަންބުނި ފުލޯޓިން ހޮސްޕިޓަލްވެސް ނާދޭ އެކަން ހަދާންހުރި މީހަކުވެސް ނެތް...
    4. ސަރުކާރުން މީހާރު މާބޮޑައް އުޅެކަމަކައްނުފެނޭ ބުނާކަހަލަ ދެން ސިއްހީ ސިވިލްސާވިސްމީހުން ފަރުދީ ނިންމާލާށޭ..

    6
    1