ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ހިންގާ މީޑިއާތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަމުން އަރައިގަތުމަށް އެސްޑީއެފްސީ މެދުވެރިކޮށް މިހާތަނަށް 8 މީޑިއާ އަކަށް ލޯނު ދޫކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރާއެކު ބޭއްވި ބައްދަލުވުމަށް ފަހު ނެރެފައިވާ ބަޔާނެއްގައި މިއަދު ބުނީ މިހާތަނަށް 8 މީޑިއާ އަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ކުދި މީޑިއާތައް ވެސް ހިމެނޭ ކަމަށެވެ.

އެމްއެމްސީ އިން ބުނީ މިހާތަނަށް ލޯނަށް އެދުނު ހުރިހާ މީޑިއާތަކަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެސްޑީއެފްސީ އިން މައުލޫމާތު ދޭ ކަމަށެވެ. އަދިވެސް ލޯނު ބޭނުންވާ މީޑިއާ ހުރި ނަމަ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްއެމްސީ އިން ބުންޏެވެ.

އެގޮތުން ލޯނު ހުށަހެޅުމަށް ބޭނުންވާ މީޑިއާތައް ލޯނަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ވީ އެންމެ އަވަހަކަށް ލޯނަށް ހުށަހެޅުމަށް އެމްއެމްސީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެމްސީ އިން މީގެކުރިން ވަނީ މީޑިއާތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވާފައެވެ. އެގޮތުން ކޮވިޑް-19އާ އެކު އެތައް ވިޔަފާރިތަކެއް ހުއްޓުމަކަށް އައިސްފައިވާ އިރު، ވިޔަފާރިތަކުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެންމެ ފުރަތަމަ ވެސް ވިޔަފާރިތަކުން އިޝްތިހާރަށް ކުރާ ހަރަދު ކުޑަކުރަމުން ގޮސްފައިވާކަން އެމްއެމްސީން ވަނީ ފާހަގަކޮށްފައެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގިނަ މީޑިއާތަކަށް ވަނީ އެތަކެއް ގޮތަކުން މާލީ ދަތިތަކަން ކުރިމަތިވެފައެވެ. މީޑިއާތަކަށް އާމްދަނީ ލިބެމުން އަންނަ މައިގަނޑު އެއް މަގަކީ ކުންފުނިތަކުން ދެމުން ގެންދާ ސްޕޮންސާ ކަމަށްވާއިރު ކޮވިޑް-19 ގެ ސަބަބުން އެތައް ކުންފުނިތަކަކުން ވަނީ ސްޕޮންސާ ދިނުން މީޑިއާތަކަށް ހުއްޓާލާފައެވެ. އަދި ބައެއް މީޑިއާތަކަށް ދެމުން ދިޔަ ސްޕޮންސާގެ އަގު ވަނީ ދަށްކޮށްފައެވެ.