އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުގައި އެ ދައުވާތަކުގެ ޝަރީއަތް އަލުން ފަށަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާގެ ތެރޭގައި ހިޔާނާތެއްގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ދައުވާއަކީ، މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާ ހިމެނެއެވެ.

ކްރިމިނަލް ކޯޓުގައި މި ދައުވާތަކުގެ އިބްތިދާއީ އަޑުއެހުމުގެ މަރުހަލާގައި ދައުވާތައް ބާތިލް ކުރުމަށް މައްސަލަ ބެއްލެވި ގާޒީ އިސްމާއީލް ރަޝީދު ވަނީ ހުކުމް ކުރައްވައިފައެވެ. ދައުވާތައް ބާތިލް ކުރުމަށް ދަށު ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ފާހަގަ ކުރެއްވި ނުކުތާތަކަކީ ދައުވާ އުފުލަން ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ފަހުން ދައުވާ އުފުލުމާއި، ދައުލަތާއި އަދީބާއެކު ހަދާފައިވާ އެއްބަސްވުމަކީ ގާނޫނު ނުދަންނަ އެއްބަސްވުމެއް ކަމަށާއި، އެއްބަސްވުމުގައި އަދީބު މަޖުބޫރު ކޮށްގެން ސޮއިކުރެއްވި ކަމަށެވެ.

ދައުލަތުގެ ފަރާތުން އެ ހުކުމް މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ހައި ކޯޓުން މައްސަލަ ބެއްލެވީ ތިން ފަނޑިޔާރެއްގެ ބެންޗުންނެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހައި ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ދެން ތިއްބެވީ، ފަނޑިޔާރު އަހުމަދު ނިޔާޒް އާއި ފަނޑިޔާރު ހުސައިން ވަޖީފް އެވެ.

މިއަދުގެ އަޑުއެހުމުގައި އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވަމުން ރިޔާސަތުން ވިދާޅުވީ ކުށުގެ އިއުތިރާފުގެ އެއްބަސްވުންތަކަކީ ކޮންމެ ވަގުތެއްގައި ވެސް ރުޖޫއަ ކުރުމާއި ދައުވާ އިންކާރު ކުރުމުގެ ހައްގު ދައުވާ ރައްދުވާ ފަރާތަށް އޮންނަ ކަމަށާއި ފަނޑިޔާރުގެ ދައުރަކަށް އެކަމުގައި އޮންނަނީ އެއްބަސްވުން ބަލައިގަތުމާއި ނުގަތުން ކަމަށެވެ. ދައުވާ ބަލައިގަތުމާ ގުޅުމެއް ނޯންނަ ކަމަށެވެ.

އެއްބަސްވުން އަނބުރާ ރުޖޫއަ ކުރުމުގެ ހައްގު އޮންނާތީވެ ދައުލަތާ އެކު ވެފައިވާ އެއްބަސްވުމަށް އިންކާރު ކުރައްވާނަމަ އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއްގެ ގާނޫނީ ބަހުސެއް ކުރުމެއްގެ ބޭނުމެއް ވެސް ނެތް ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. އެހެންކަމުން އެ ކަމުގައި ދަށު ކޯޓުގައި އަމަލުކޮށްފައި ވަނީ އެ އޮންނަން ޖެހޭ އިޖުރާއަތްތަކާ އެއް ގޮތަށް ނޫން ކަން ފާހަގަކުރެއްވިއެވެ.

އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުންތަކުގައި އަދީބުގެ މައްޗަށް އުފުލި ދައުވާތަކަކީ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭ ދައުވާތަކެއް ކަން އޭނާ ވިދާޅުވެފައިވުން ވެސް ރިޔާސަތުން ފާހަގަކުރެއްވިއެވެ. އެކަމަކު، ދަށު ކޯޓުގައި ދައުވާތައް ބާތިލް ކުރުމަށް ކަނޑައަޅާފައި ވަނީ ވެސް ދައުވާއަށް އިންކާރު ކުރޭތޯ ނުވަތަ ބަލައިގަނޭތޯ ވެސް ބެލުމަކާ ނުލާ ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

ރިޔާސަތުން ފާހަގަކުރެއްވި ނުކުތާތަކަށް އަލި އަޅުވާލާއިރު، އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ދަށު ކޯޓުން ކަނޑައަޅާފައިވަނީ އަސާސެއް ނެތް ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މި ދައުވާތަކަކީ ބަލަންޖެހޭ ދައުވާތަކެއް ކަމަށާއި ދައުވާތައް ބަލަން ކްރިމިނަލް ކޯޓުން ބަލަން ފަނޑިޔާރުންގެ ބެންޗުން ހުކުމް ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ ދައުވާތައް ބޭރުކޮށްލާފައިވަނީ ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ހައި ކޯޓުން ކަނޑައެޅިއިރު، ކްރިމިނަލް ކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރު އިސްމާއީލް ރަޝިދާ ގުޅުން ހުރި ސުލޫކީ މައްސަލަތަކެއް ވެސް ދައުލަތުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅިއެވެ. އެ މައްސަލަ ޖޭއެސްސީން އިން ބަލައި އަދި ނުނިމޭއިރު، ފަނޑިޔާރުގެ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން އަލުން ކޯޓަށް ވަޑައިގެން ވަޒީފާ އަދާ ކުރައްވަން ފައްޓަވާފައިވެއެވެ.

މީގެ އިތުރުން އިތުރު 15 ދުވަހުގެ މުއްދަތަކަށް ޖަލު ބަންދުގައި ބެހެއްޓުމަށް ވެސް ހައި ކޯޓުން މިއަދު އަމުރުކުރެއްވިއެވެ. އެއީ ކުރިން އަދީބު ބަންދުގައި ހުންނެވީ ހައި ކޯޓުގައިވާ އިސްތިއުނާފް ޝަރީއަތްތައް ނިމެންދެނެވެ. އިސްތިއުނާފް ޝަރީއަތް މިއަދު ނިމުމުން 15 ދުވަހުގެ ބަންދެއް ޖެހިއިރު، އެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަދީބުގެ ބަންދާ މެދު ގޮތެއް ނިންމަން ޖެހެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ އެއް ބިލިއަންއަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާއިރު އެ ހިޔާނާތުގެ ފަހަތުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ އަދީބުގެ މައްޗަށް މީގެ ކުރިން ވެސް އެ މައްސަލާގައި ހުކުމްކުރެއްވިއެވެ. އެކަމަކު މަތީ ކޯޓުގެ މަރުހަލާގައި ހުކުމް ބާތިލްކޮށް އަލުން މައްސަލަ ބަލަން ދަށު ކޯޓަށް އެންގެވިއެވެ. ދަށު ކޯޓުން ވަނީ ދައުވާތައް އަލުން ކުރުމަށް ދައުލަތަށް އަންގަވައިފައެވެ.

އަދީބުގެ މައްޗަށް މިހާރު އުފުލާފައިވާ ހަތް ދައުވާއަކީ އޭގެ ފަހުން ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ހަތް ދައުވާއެވެ. ހިޔާނާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް އިއުތިރާފްވެވަޑައިގެން އެ ހިޔާނާތުގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް އަދީބު ވަނީ އެތައް ފަހަރެއް މަތިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުންތަރި

    އަދީބަކީ އެމްޑިޕީ އެމްޑީޕީއަކީ އަދީބު އެމްޑީޕީ އަޑީގަ އޮވެގެން އަދީބުލައްވާ ހުރިހާ ޖަރީމާއެއްހިނގުވީ އެންމެ ފަހުން ޑީލްހަދައިގެން އަދީބު ސަލާމަތްކުރާނެ ބަލަނހުރޭ ތީ ހައްތަހާވެސް ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުން އެންމެ ފަހުން އާޚިރުނަތީޖާގަ އަދީބަކީ ހުދުފޮތިކޮޅަކަށްވާނީ މި ނޫންގޮތަކަށް ތިޔަ ކަމެއްނުވާނެ މުޅިންވެސް ގޭމު ކުޅެނީ އަންނިވެސް އެހުރީ ހުދު ފޮތިކޮޅަކަށްވެފައެއްނު މީ އެމްޑިޕީގެ އިންސާފު ދުނިޔޭގަ ތި ބަޔަކަށް މިމަންޒަރު ވަރަށް ސާފުކޮށް ފެންނާނެ ދެން ބުނާނީ ޝަރުޢީ މަރުހަލާތަކުން ނިމިގޮތޭ މުޅި ޖުޑިސަރީ އޮތީ އެމްޑީޕީގެ މުށުތެރޭގަ ޛުޑިސަރީއަކީ އެމްޑިޕީގެ ގޮތްޕެއް އެކަން އެބަ އެނގޭ ވަރަށް ސާފުކޮށް ފަނޑިޔާރުން ވަކިކުރުމާ ފަޑިޔާރުން އައްޔަންކުރުމުގަ ގެންގުޅޭ ސިޔާސަތަށް ހަމަ އެކަނި ވިސްނާލިޔަސް ޖުޑިސަރީހާލަތު ސާފުވާނެ

  2. ކަނަމަނަ

    މީހަމަކުޅޭ ކުޅިގަޑެއް ގިޔާމަތްދުވަހު މިއިން އެއްވެސް މީހަކައް ނުއޮއްނާނެ ތިންފަޑިޔާރުން ފަސްފަޑިޔާރުން ވެގެން އިޖުރާއަތް ކިޔަންތިބެވޭކަށް މީގެމިއުޅެނީ ޔަހޫދީންނާއި އިސްލާމުން ވީމަވާގޮތްމީ މިދުނިޔެމަތީގަ ތިގޮތައް ބޯޅަޖެހުނަސް އާހިރައްދުވަހަކު ބޯޅައެއްނުޖެހޭނެ ކުޑަމިނުން އިސްއުފުލާބަލާލަންވެސް ނުކެރޭނެ ތިއިންފަޑިޔާރަކައް