ކޮވިޑް-19 ގައި ސީރިއަސް ހާލަތަކަށްދާ މީހުންނަށް ފަރުވާ ދިނުމަށް ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި ހުރިހާ ވެންޓިލޭޓަރެއް ރާއްޖެ ގެނެސްފިއެވެ.

ހެލްތު މިނިސްޓްރީން، ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 24 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށެވެ. އެގޮތުން، އެ ކުންފުނިން އެންމެ ފުރަތަމަ ގެނައީ ހަތަރު ވެންޓިލޭޓަރެވެ. އޭގެ ފަހުން، އެކި ދުވަސްތަކުގެ މަތިން ވެންޓިލޭޓަރުތައް ގެނެސް، އަދަދު ވަނީ ހަމަކޮށްފައެވެ.

ނާޑްގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި އެންމެ ފަހުން ގަތަރު އެއާވޭސްގެ ބޯޓެއްގައި ރާއްޖެ ގެނައީ 11 ވެންޓިލޭޓަރެވެ. އެ ހުރިހާ އެއްޗެއް ވެސް ގެނެސްފައިވަނީ ޖަރުމަނުވިލާތުން ސީދާ އެ ތަކެތި އުފައްދާ މެނުފެކްޗަރުގެ އަތުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީ އާއި ނާޑް ޕްރައިވެޓް ލިމިޓެޑު އެއްބަސްވީ ދެ ހަފުތާ ތެރޭގައި ވެންޓިލޭޓަރުތައް ގެންނާށެވެ. ނަމަވެސް ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދަން ހުރި ދަތިތަކާ ގުޅިގެން އެ މުއްދަތުގައި ވެންޓިލޭޓަރުތައް ގެނެވިފައެއް ނުވެއެވެ. ހާއްސަކޮށް ބައެއް ގައުމުތައް ފުރަބަންދަކަށް ދިއުމުން، ބައެއް ކުންފުނިތަކުން ވެންޓިލޭޓަރުތައް އުފެއްދުން ހުއްޓާލިއެވެ. އަދި ބައެއް ގައުމުތަކުން ދަތުރުތައް ހުއްޓާލުމަކީ ވެސް ވެންޓިލޭޓަރުތައް ރާއްޖެ އަށް ގެނައުމަށް ދިމާވި ބޮޑު ދައްޗެކެވެ.

ނާޑަކީ ޖަޕާނާއި ސައުތު ކޮރެއާ އާއި ޗައިނާގެ އިތުރުން ޔޫރަޕުގެ މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންޒިއުމަބަލްސް އުފައްދާ ޑަބްލިއުއެޗްއޯ އަދި މުޅި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ގިނަ ކުންފުނިތަކެއްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ވަގުކަލޭގެވެސް އެންމެން ނުކުމެ ވަގަށްގޮވަށް ފެށުމުން ވަގަށްނެގި ތަކެތި ދޫކޮށްފައި ފިލާނެއެވެ.

  2. ދުންތަރި

    އަދި ތަންކޮޅެއް އަވަސް ތިޔަ ތަކެތި ގެނެސްދިންލެއް ކޮވިޑު ބަލިން ސަލާމަތްވީމަ ގެނެސްދިންނަމަ ރަނގަޅުވާޏީ 02 ހަފްތާގެ ތެރޭގެންނަންބުނި އެތި ކިތައް ދެހަފްތާބާ؟