އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ ދޫކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން ބުނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން އޮންލައިންކޮށް އަހަރީ ފީ ދައްކަމުން އަންނަ މީހުންނަށް ސްޓިކާ ދޫކުރުން މަޑު ޖައްސާލާފައި އޮތުމަށް ފަހު މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ފީ ދައްކާ މީހުންނަށް ވެސް އަހަރީ ފީ ސްޓިކާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އަދި ކޮންމެހެން މިދަނޑިވަޅުގައި ފީ ދައްކާ ފަރާތްތަކުން ސްޓިކާ ބޭނުންކުރުން މުހިންމު ނޫން ކަމަށާއި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ސްޓިކާ ދޫކުރަން ފެށި ނަމަވެސް އޮންލައިންކޮށް އަހަރީ ފީ ދައްކާފައިވާ ރަޝީދު ވެސް ފުދޭ ކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

މީރާއިން ވަނީ އެކުންފުނީގެ ވެބްސައިޓު އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ފީ ދެއްކޭނެ އިންތިޒާމް ހިދުމަތް ހޯދަމުން އަންނަ މީހުންނަށް ހަމަޖައްސައިދީފައެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން ވަރަށް ގިނަ ތަންތަނުން ވަނީ އިދާރާތަކަށް ގޮސް ކުރަން ޖެހޭ ކަންކަން އޮންލައިން ނިޒާމެއްގެ ތެރެއިން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މިހެން އަމަލުކުރަމުން އަންނަނީ ކޮވިޑް-19 ވައިރަހަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން އެންމެން އެއްތަނަކަށް އެއްވެ ހިދުމަތްތައް ހޯދުން މި ދަނޑިވަޅުގައި ރައްކާތެރި ކަމަށް ނުވުމުންނެވެ.

މިނިސްޓްރީތަކާއި، ސަރުކާރުގެ އެހެން ވުޒާރާތައް ހިމެނޭހެން ގިން ތަންތަނުން ވަނީ ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށާފަ އެވެ.