ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަނަށް (ޑަބްލިޔު.ޓީ.އޯ) އަށް ރާއްޖެއިން ކަނޑައަޅާ މަންދޫބުގެ މަގާމަށް ގ.ފަރުކަނި، ޑރ. އާސިމް އަހުމަދު އައްޔަންކުރުމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ޑަބްލިޔު.ޓީ.އޯއަށް ރާއްޖެއިން ކަނޑއަޅާ މަންދޫބުގެ މަގާމަށް އައްޔަން ކުރަން އާސިމްގެ ނަންފުޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވިއިރު، އާސިމް ރާއްޖެއިން އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބު ވެސް އެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރގެ މަގާމު ވެސް ފުރުއްވި އާސިމް ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް ކަން ވެސް ކުރައްވައިފައެވެ. އަދި އޫއެންޑީޕީ، ޔުނިސެފް ފަދަ ތަންތަނަށް ފަންނީ ލަފާ އެރުމުގެ ޚިދުމަތް ވެސް ދެއްވާފައެވެ.

އާސިމް ވަނީ ސޯޝިއޮލޮޖީ އެންޑް ޕޮލިޓިކްސްގެ ދާއިރާއިން ބެޗެލަރ އޮފް އާރޓްސް އާއި، މާސްޓަރ އޮފް ފިލޯސޮފީ އިން ޑިވެލޮޕްމަންޓް ސްޓަޑީސްއާއި، ޑޮކްޓަރ އޮފް ފިލޯސޮފީ އިން ސޯޝަލް ޕޮލިސީ ހާސިލުކުރައްވާފައެވެ.