ކުރީގެ ރައީސްް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަހުން އެމަނިކުފާނު ވެސް ބޭނުންފުޅު ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޗައިނާގެ އެފްޓީއޭގެ ވާހަކަ ދެކެވުނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލިހަށް ހާޒިރުކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލާ ގުޅިގެންނެވެ. ޗައިނާ އާއެކު ހެދި އެފްޓީއޭއިން މަސްވެރިންނަށް ފައިދާވާ ކަމަށް ޖާބިރުގެ ސުވާލުގައި ބަޔާން ކޮށްފައިވެއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ "ޗައިނާ އެފްޓީއޭގެ ސަބަބުން މަސްވެރިންނަށް ކުރާނެ ފައިދާއެއް ނެތް" ކަމަށެވެ. އަމީރުގެ އެ ވާހަކައަށް ތާއީދު ކުރައްވަމުން ނަޝީދު ފުރަތަމަ އެ އެއްބަސްވުމުގެ ބައެއް މާއްދާތައް ވިދާޅުވުމަށް ފަހު، ވިދާޅުވީ "ޗައިނާއާ މެދު އެފްޓީއޭއެއް ނެތް" ކަމަށެވެ.

އެ ވާހަކަތަކަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައްދު ދެއްވިއެވެ. ސައީދަކީ ދިވެހި ސަރުކާރުގެ ފަރާތުން އޭރުގެ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވި ބޭފުޅާއެވެ.

ސައީދު ވިދާޅުވީ އެފްޓީއޭ އަކުން މަސްވެރިންނަށް ފައިދާއެއް ނުކުރާކަމަށް ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން، އެފްޓީއޭގެ ދަށުން ޒީރޯ ޓެރިފްގައި ޗައިނާއަށް އެތެރެކުރެވޭ ބާވަތްތަކުގެ ތެރޭގައި މަސްވެރި އުފެއްދުންތަކުގެ 300 އެއްހާ ބާވަތް ހިމެނޭކަން ސައީދު ފާހަގަކުރެއްވިއެވެ.

އޭގެ ފަހުން ޗައިނާގެ އެއްބަސްވުން ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވާ ސަބަބާ ގުޅޭ ގޮތުން ސައީދު ސުވާލު ކުރެއްވުމުން ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގާނޫނެއް ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން މިހާތަނަށް އެކުލަވާލައި ފާސްކޮށް ތަސްދީގު ކޮށްފައި ނެތް ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުގައި އެ ގާނޫނުތައް އެކުލަވާލައި ފާސްކުރަން ލިބުނު މުއްދަތުގެ ތެރޭގައި އެ ކަން ނުކޮށް އޮތީ ފަހުން އެ ސަރުކާރުން ވެސް އެ އެއްބަސްވުމަށް އަމަލު ކުރަން ބޭނުން ނުވުމުންނެވެ.

"އެކަން ހަގީގަތުގައި ނުކޮށް އޮތީ ރައީސް ޔާމީން އެކަން ކުރިއަށް ގެންދަން ބޭނުންފުޅު ނުވާތީ. ރާއްޖޭގައި ވެރިކަން ކުރައްވާ ވެރިންނަކީ ހިކުމަތްތެރި ބައެއް. އެ ގޮތަށް އެއްބަސްވުންތަކާއި ބައެއް ކަންކަން މަތި މަތީގައި އެބަ ބާއްވަވައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުން ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވިއެވެ.

އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދޭން ފާސްކުރީ ވަރަށް އަވަސް އަރުވާލައިގެމެވެ. ކޮމިޓީ މަރުހަލާގައި 100 އަށް ވުރެ ގިނަ ސަފްހާގެ އެ އެއްބަސްވުން ދިރާސާކޮށް ފާސްކުރީ 10 މިނެޓްގެ ތެރޭގައެވެ.

ޗައިނާގެ އެފްޓީއޭއަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ. މި ސަރުކާރު އައި ފަހުން އެ އެއްބަސްވުން އުވާލަންޖެހޭ ކަމަށް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ވާހަކަ އެންމެ ގިނައިން ވިދާޅުވަނީ ވެސް ރައީސް ނަޝީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ އިބޫ

    ނަސީދަކީ ފައްކާ މުނާފިގެއް ޔަހޫދީއެއް ލާދީނީ މީޯހެއް ދޮގުވެރިޔެއް މަކަރުވެރިޔެއް މިހެންކިޔާނެކަމެއްނެތް ނަންހުސްކޮށް

    14
  2. ހުސޭނުބޭ

    އެވާހަކަ ކަލޭގެ ކަންފަތްދަށުގައި ބުނީތަ!

    13
  3. ހަޑިމިލޭރު

    ދެން އެހެންވިއްޔާ އިންޑޖޔާއާއި އެކު ހެދި އެއްބަަސްވުންތައް ހާމާކުރަން ނުރިގެން ތިޔަ އުޅެނީ ކީއްވެތަ. ދެބޯގެރި ނުދުއްވާ. އިންޑިޔާ އައުޓް