ފީފާ ކަނެކްޓްގެ އިނީޝިއޭޓިވް އެއްގެ ދަށުން ރާއްޖޭގެ ޕްރިމިއަރ ލީގުގެ ކްލަބުތައް ކްލަބް މެނޭޖްމަންޓް ސިސްޓަމް( ސީއެމްއެސް) އަށް އަހުލުވެރިކޮށްފި އެވެ.

މިއީ އާ ސީޒަން ފެށުމުގެ ކުރިން ކުލަބްތަކުގެ ކަންކަން ބަލަހައްޓާ ،ކްލަބް މެނޭޖްމަންޓް ސިސްޓަމަށް ކްލަބްތައް އަހުލުވެރިކޮށް ،ކުޅުންތެރިންގެ ރަޖިސްޓްރޭޝަންގެ ކަންކަން ނިންމުމަށް ކުރިއަށް ގެންދެވުނު ޓްރެއިނިން އެކެވެ.

ސީއެސްއެމް އަކީ ކޮންމެ ސީޒަންއެއް ފެށުމުގެ ކުރިން ޓީމް ތަކުން އަޕްޑޭޓް ކުރަން ޖެހޭ އެއްޗެކެވެ. ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިންނާއި ކުލަބާ ގުޅުންހުރި ޑޮކިއުމަންޓްތައް އެ ސިސްޓަމަށް އަޕްޑޭޓުކުރަން ޖެހެއެވެ.

ސީއެމްއެސް އަށް ކުޅުންތެރިން އަހުލުވެރިކުރުމުގެ ޓްރެއިނިންގް ޕްރޮގްރާމް ހިންގާފައިވާއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ދީފައެވެ.

އެހެންނަމަވެސް ނިއު ނޯމަލްގައި ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާ ކުރާނެކަމަށާއި ތަބާވާނެ ގައިޑްލައިންތައް އެކުލަވާލުމުގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް ވަގުތު ސްޕޯޓްސް އާއި ވާހަކަދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ވިދާޅުވެފައެވެ. އަދި މާދަމާ އެޗްޕީއޭ އާއި މަޝްވަރާ ކުރުމަށްފަހު ކްލަބުތަކަށް ފަރިތަކުރުމުގެ ހުއްދަ ދޭނީ މި ގައިޑްލައިންތައް ފައިނަލް ވުމުންކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ރަސްމީކޮށް ހާމަނުކުރި ނަމަވެސް އާ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ މިއަހަރުގެ ފަހުކޮޅުގައެވެ.

މިފަހަރުގެ ލީގުގައި 8 ޓީމެއް ވާދަކުރާނެއެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.