އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މަގާމުން ވަކި ކުރުމުގެ މައްސަލަ ހިނގަނީ އެމްޑީޕީގެ އެތެރޭގައި ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެފަދަ މައްސަލައެއް އައިސްފައި ނުވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަވަން މަސައްކަތް ފެށްޓެވިއެވެ. އެކަމަކު ފަހުން އެ މައްސަލަ ނަޝީދު ގެންދެވީ އެމްޑީޕީގެ ގައުމީ މަޖިލީހަށެވެ. ފައްޔާޒުގެ ދިފާއުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވެއެވެ.

މަޖިލީހުގެ އިދާރާގައި މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތަށް އެފަދަ މައްސަލައެއް އައިސްފައި ނުވާ ކަމަށެވެ. އެކަމަކު އެމްޑީޕީގެ އެތެރޭގައި އަބަދުވެސް ވަޒީރުންގެ މައްސަލަތަކުގައި ބަހުސް ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ދިހަ މެންބަރަކު ސޮއިކުރައްވަން ޖެހޭ، ސޮއި ކުރައްވައި ހުށަހަޅާފައެއް ނުވޭ، އެމްޑީޕީގެ އެތެރޭގެ އެފަދަ މަސައްކަތެއް ހިނގަމުންދޭ." ފައްޔާޒުގެ މައްސަލައަށް އިޝާރާތް ކުރައްވައި، އެކަމަކު ފައްޔާޒުގެ ނަން ވިދާޅުނުވެ ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެމްޑީޕީގެ އެތެރޭގައި ބަހުސްތައް ހިނގަނީ އެމްޑީޕީ އިން މައިގަނޑު ދެ އަސާސްއެއް ގަބޫލު ކުރާތީއެވެ. އެއީ ކޮރަޕްޝަންއާއި އަނިޔާއާއި ދެކޮޅުވުމެވެ. އެހެންކަމުން އެ ޕާޓީ ވެރިކަމުގައި އޮންނައިރު އެ ފަދަ ކަންކަން ތަކުރާރުވާން ޕާޓީގެ އެތެރޭގައި ހިނގަން ބޭނުން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގައި ހިނގާ ކަމަކަށް ނުވާތީ މަޖިލީހުގެ ޕްރެންސް ކޮންފެރެންސްގެ ޕޯޑިއަމްގައި އޭގެ ތަފުސީލުތަކަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

"އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަމެއް އުޅެނީ، އަބަދުވެސް އުޅޭ، އަޅުގަނޑު މި ޕޯޑިއަމްގައި އޭގެ ތަފްސީލްތަކަށް ނުދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ޕްރެސް ކޮންފަރެންސް ނިންމަވާލެއްވުމަށް ފަހު، ނޫސްވެރިންނާ ވަކިން ބައްދަލު ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ރައީސްގެ ކެބިނެޓަކީ އެމަނިކުފާނުގެ އަމިއްލަފުޅު އިހްތިޔާރަކަށް ވުމުން އެ ޖާގަ އަބަދުވެސް ރައީސްއަށް ދެއްވާނެ ކަމަށެވެ. ދެން އެމްޑީޕީގެ އެތެރޭގައި ޕާޓީގައި އޮންނަ އުސޫލެއްގެ ތެރެއިން އެ ކަމެއް ހިނގާނެ ކަމަށެވެ.

މީގެ ކުރިން ރައީސް ޞާލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން، އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލުމުގެ މަޝްވަރާތައް ޕާޓީތަކުގެ މެދުގައި ކުރެވުނު ދުވަސްވަރު ރައީސްގެ ކެބިނެޓަށް އައްޔަން ކުރައްވާނީ ރައީސް ބޭނުންފުޅުވާ ބޭފުޅުން ކަމާއި ޕާޓީތަކުން އެކަމާ ނޫޅުމަށް ނަޝީދު ދެއްކެވި ވާހަކަތައް ވެސް ހާނދާން އާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    މިޔާ ރަކި ވެގެ.. މަ ބިއްލާހި.. ހެހެހެ

  2. ބަރުގޮނު

    ބިންނަން އުޅުނު ކާށި ، އޮއިކާށްޓަކަށްވެ ، އޭގެ ފެން ލޮނުވާނެކަން އެގުނީމާ މިއުޅެނީ މަސްއަލަ ތިއްތިކޮށްލަން. ޕާޓީ ތެރޭގައިވެސް މިމަސްއަލަ އަބުރާކަޑާނީ މީނާ ސިއްރުން ފިލާހުރެ ސީދާ މުގުލުގައި މީނާ ހުރެގެން. ޙަޤީޤަތުގައި އިއްޔެގެ ބައްދަލުވުމަކީވެސް މަސްއަލަ އުޅޭތީ ބޭއްވި ބައްދަލުވުމެއް. ތީ ހަމަ ފައްކާ ކަތުރުފަންޏެއް ކަހަލަ މީހެއް. އެމް.ޑީ.ޕީ ތެރެވެސް ކާނެ. ކޯލިޝަންވެސް ކާނެ.

    7
    1