ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ތިމާ ލޯބިވާ މީހުންނާ ދޭތެރޭގައި ހިތްހެޔޮވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ނައިބު ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގިނަ މީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ނޭދެތޭ އަސަރުތަކެއް ކުރި ކަމަށެވެ.

މި ދަތި ހާލަތު ހާލަތުން އަރައިގަތުމަށް ގޮންޖެހުންތައް ހުރި ނަމަވެސް ތިމާ ލޯބިވާ މީހުން ކައިރީގައި މިވަގުތު ތިބުމުގެ މުހިންމު ކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވަނީ، ނަސްފާނީ ދުޅަހެޔޮ ކަމަށްޓަކައި ތިމާއަށާއި ތިމާގެ ގާތް މީހުންނަށް ހިތްހެޔޮވުމަށް ގޮވާލައްވައިފައެވެ.

އޮކްޓޯބަރު 10 ވަނަ ދުވަހަކީ ކޮންމެ އަހަރަކު ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.

މި ދުވަސް މި އަހަރު ފާހަގަ ކުރާ އިރު، ކޮވިޑް-19 ގެ ބިރުވެރިކަން ދުނިޔޭގެ ގިނަ ގައުމުތަކަށް ވަނީ ފޯރައިފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 37 މިިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު، މަރުވި މީހުންގެ އަދަދު ވެސް މިލިއަނަކަށް އަރައެވެ. މި ބަލި ޖެހުނު 27 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ދުނިޔޭގެ 214 ސަރަހައްދަކުން ކޮވިޑް-19 ވަނީ ފެނިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެ މައްޗަށް އަރައިފައެވެ. އަދި މި ބަލީގައި 34 މީހަކު ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިނބޫ

    މާނައަކޖީލޯބިނުވާ މީހުންނަށް ހިތްހެޔޮ ނުކުރާށޭ!

  2. އަރީ

    މެޑަމް އައިޝާއާއިދޭތެރޭ އަޅުގަނޑު ވަރަށް ހިތްހެޔޮ