މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަ ނުވާނެ ކަމަށާއި އެއީ ހަމަ އަގަށް ވުރެ މާ ބޮޑު އަގެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރަައީސް އަދި އެ ޕާޓީން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޑރ. މުއިއްޒު ވިދާޅުވީ މާލެއިން ފެށިގެން ތިލަފުއްޓާ ހަމައަށް ބްރިޖްއަކުން ގުޅުވާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދިރާސާކޮށް ޕްލޭން ކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރ ކަން ކުރެއްވި މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު ވެސް ހަރަދު ނުވާނެއެވެ. އެ މަޝްރޫއަށް ހޭދަވާނެ ޖުމުލަ އަގު އެއަށް ވުރެ ކުޑަ ވާނެ ކަމަށް އެ ޕްރޮގްރާމްގައި އެކި ފަހަރު މަތިން ތަކުރާރުކޮށް މުއިއްޒު ވިދާޅުވިއެވެ.

"އެންމެ އަގު ބޮޑުކޮށް ޕްރޮޖެކްޓު ހިންގި ނަމަވެސް 400 މިލިއަނަށްވުރެ ކުޑަކޮށް ހިންގޭނެ، އެއީ ވަރަށް ގިނަ ލޭނުތައް ލައިގެން ވަރަށް ފުޅާކޮށް ހަދާއިރު ވެސް. އެހެންވީމަ ބޮޑު އަގެއްގައި އެ ޕްރޮޖެކްޓު ހިންގަންޖެހޭ އެއްވެސް ސަބަބެއް ނެތް،" މުއިއްޒު ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން އިންޑިއާ އިން ދިނުމަށް ހަމަޖެހިފައިވާ 500 މިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނެވެ. އަނެއް 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާއިރު، ލޯނަށް ފައިސާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ.

މި ސަރުކާރުން އިއުލާން ކުރި އެންމެ ބޮޑު މަޝްރޫއަށް ހޭދަވާނެ ކަމަށް ސަރުކާރުން ލަފާ ކުރާ އަދަދަކީ މާ ބޮޑު އަަދަދެއް ކަމަށް މުއިއްޒު ވިދާޅުވިއިރު، މިދިޔަ ސަރުކާރުގައި ސިނަމާލެ ބްރިޖްއާއި ހިޔާ ފްލެޓްތަކުގެ މަޝްރޫއުއާއި، ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ބޮޑެތި މަޝްރޫއުތަކަށް ހޭދަކޮށްފައިވަނީ ދެ ގުނަ އަގެއްގައި ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    ދެންކީއްވެބާ މުއީޒުމެން އެހާ ކުޑަ ހަނި ބްރިޖެއް 300 މިލިއަނަށް ހެދީ ދެކޮޅުނުޖެހޭ ވާހަކަ ދެބާއި މީހުން ދައްކާނީ.ކޮންމެބަޔަކުވެސް އުޅޭނީ އަމއްލަ ބޮނޑި ބަންނަން!

    2
    17
  2. ބުރިޖްބޭ

    މިއުޅެނީ އަނގަޔާ އަތާދިމާ ނުވެގެން ދޮން ކޮންބުރިޖެއްތޯ މިއަޅަނީ އަނެއްކޮޅުން މާލެ-ތިލަފުށި ބްރިޖްގެ ބޭނުން ހިފަންތިބީ އިންޑިއާމީހުން އެމީހުންނައް ހުރިހާބިބެއް ދީފައި އަދި އެމީހުންނައް ފަސޭއިން ބުރިޖް މިއަޅަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ހީހީހަލަކް ހީރޯޓޮރޮލެންސް