ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންމެ ފުރަތަމަ އުފެއްދެވި ޑީއާރުޕީގެ ދަރަނިތަކާ ގުޅިގެން އެމަނިކުފާނަށް ދައުވާ ކުރަން އެ ޕާޓީގެ މިހާރުގެ ލީޑާޝިޕް ހިމެނޭ ކައުންސިލް އިން މިއަދު ފާސްކޮށްފިއެވެ.

ޑީއާރުޕީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ރައީސް މައުމޫން ހިމެނޭ ގޮތަށް އެ ޕާޓީގެ ކުރީގެ ލީޑާޝިޕް ޕާޓީ ދޫކޮށް ދިޔައީ ޕާޓީފެ ނަމުގައި ވަރަށް ބޮޑެތި ދަރަނިތަކެއް ނަގައި އެ ދަރަނީގެ ފައިސާތައް އަނބުރާ ނުދައްކާ ކަމަށެވެ. ޕާޓީ އިން އަދިވެސް ދަނީ އެ ދަރަނިތަކުގެ ޒިންމާ ނަގަމުން ކަމަށާއި އެހެންކަމުން ރައީސް މައުމޫނަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށް ބުންޏެވެ.

މިހާރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ލީޑާޝިޕް އޮންނަ ޑިއާރުޕީ އިން އިތުރަށް ބުނީ އެ މައްސަލާގައި ގޮތެއް ނިމެންދެން އެ ހުރިހާ ދަރަންޏެއް ޕާޓީގެ ނަމުގައި ދައްކަން މަޑުޖައްސާލަން ވެސް ޕާޓީގެ ކައުންސިލް އިން ނިންމާފައިވާ ކަމަށެވެ.

ޑީއާރުޕީއިން ވަކިވެވަޑައިގަތުމަށް ފަހު ރައީސް މައުމޫން ފަހުން ދެ ޕާޓީއެއް އުފެއްދެވިއެވެ. އެންމެ ފުރަތަމަ އުފެއްދެވި ޕީޕީއެމްގައި މައުމޫންގެ ކޮއްކޯފުޅު، ކުރީގެ ރައީސް އަބްްދުﷲ ޔާމީންއާ ހިޔާލު ތަފާތުވެ ޕާޓީއިން ވަކިކޮށްލުމުން އެމްއާރުއެމްގެ ނަމުގައި ފަހުން ޕާޓީއެއް އުފެއްދެވިއެވެ. އެ ޕާޓީއަކީ މިހާރު ވެރިކަން ކުރާ ކޯލިޝަންގެ ވެސް ބައިވެރިއެކެވެ.

ޑީއާރުޕީ ދަރަނިވެރިކޮށް ދޫކޮށްލުމަށް ފަހު މައުމޫން އުފެއްދެވި ޕާޓީއެއް މި ސަރުކާރު ހިންގާ ކޯލިޝަންގައި ބައިވެރިކޮށްފައިވާތީ އެ ކަން ކުށްވެރި ކުރާ ކަމަށް ވެސް ޑީއާރުޕީގެ ޓްވީޓްގައި ބުނެފައިވެއެވެ.

ރައީސް މައުމޫންގެ ލީޑާޝިޕްގައި ޑީއާރުޕީ އިން ގިނަ ކާމިޔާބީތަކެއް ވެސް ހޯއްދެވިއެވެ. އާ ގާނޫނު އަސާސީގެ ދަށުން އެންމެ ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި އެންމެ ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް ޑީއާރުޕީން ކާމިޔާބުކުރިއެވެ.

ރައީސް މައުމޫން އެ ޕާޓީ ދޫކުރައްވައި ވަޑައިގަތީ އޭރު ޕާޓީގެ ލީޑާޝިޕްގައި ހުންނެވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ތަސްމީން އަލީއާ ހިޔާލު ތަފާތުވުމުންނެވެ.

ތަސްމީން ވެސް ފަހުން ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތީއެވެ. ތަސްމީން ދޫކުރެއްވުމުން ދެން ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ޑީއާރުޕީގެ ދަރަނިތަކާ ގުޅިގެން ރައީސް މައުމޫނަށް ދައުވާ ކުރަން އެ ޕާޓީގެ މިހާރުގެ ލީޑާޝިޕްއިން ނިންމިއިރު، ލީޑާޝިޕްގައި ހުންނެވި ޖާބިރު މީގެ ކުރިން ވަނީ އޭނާގެ އަތުން ރައީސް މައުމޫން ނެންގެވި ދަރަންޏެއް އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެކަމަކު މައުމޫނަށް މައާފު ކޮށްފައިވާ ކަމަށް ޖާބިރު ފަހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޓާސް

    މޮޔަވެ މައުމޫނާ އަޅައިގަނެގެން ނުނެއްޓެން އުޅޭމީހެއް. ތިމައްސަލަ ތިނޫން ގޮތަކަށް ހިންގިދާނެ. ޢެގޮތެއްހޯދާ. މާއުމޫނު ދޭންޖެހޭނެ ފަޅިލާރިއެއްވެސް ތިކަމަކުން ނޯންނާނެ. ބުރާންތިވެގެންގޮސް އަމިއްލައަށް މަޅިއަކަށް މެހިގެންއޮވެ ސަލަމަތް ނުވެވިގެން ތިޔަ ތެޅިބާލަނީ. ދޭބަލަ ބަދިގެއަށްވަދެ އެތަނުން ކޯސްޓް ހުސްކުރި ދަޅެއް ނަގައިގެން އެއަށް ކުދި ހިލަ އަޅާއިގެން އަންނަން. ދެންހަދަންވާގޮތްސް އޭރުން ބުމެދޭނަށް.

    9
    1
  2. ހަޔަސިންތް

    ފަހުޒަމާނުގެ އަލާމާތް މިހިރަފާޅުވަނީ ވިސްނާބައެކުތިބިނަމަވިސްނަންވީ އެކަމުގެ ހެކިމިހިރަފާޅުވަނީ ވެރިންގެފަރާތުން ވެރިކަމަތްކުފޫހަމަނުވާމީހުން ވެރިކަމަށް އެރުން

    11
    1
  3. ރޯޕިޔާރު

    އަހަރުމެން ސުކޫލްގަ އުޅުންއިރު ކިޔަވައިދިން ދިވެހި ފޮތެއްގަ އޮވޭ ލަވަޕާޓީއެއް ހަދައިގެން ގޭގޭދޮށައްގޮސް ލަވަކިޔައިގެން ލާރިހޯދައިގެން ކާގެން ބޮއިގެން އުޅޭވާހަކައެއް ތިޔަޕާޓީތަކެކޭ އެޕާޓީއެކޭ ނެއްތަފާތެއް ތފާތަކީ ގޭގޭދޮށުގަ ލަވަ ނުކިޔާކަން ރައްޔިތުންނައް އާދޭސްކޮއް ސަލާންޖަހައިގެން ޕާޓީތަކައްވައްދައިގެން ރައްޔިތުންގެ ޓެކްސް ރުފިޔާއިން ޕާޓީތަކުގަތިބި މީހުންގެ ބޮލަކައް ބަލާފައި ސަރުކާރުން ރުފިޔަ ނަގައިގެން ހިންގާ އޭގެ ހިޔަލުގައި އަރާމްކޮއް އުޅެނީ ރައްޔިތަކައް ކޮއްދޭކަމެއްނެތް