ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތައްވެސް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޛުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުން މާދަމާ ހެނދުނު 11:00 އަށް ތާވަލުކޮށްފައިވާއިރު، މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނިރުބަވެރިކަމުގެ (ޓެރަރިޒަމްގެ) ޢަމަލެއް ކުރަން އުޅުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 13:00 އަށެވެ. މީގެ އިތުރުން ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ޝަރީއަތްވެސް މާދަމާއަށް ތާވަލުކޮށްފައިވެއެވެ.

ދައުލަތުން ސިނާނުގެ މައްޗަށް ނިރުބަވެރިކަމުގެ ދައުވާ އުފުލާފައިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު 2017 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވައްޓާލަން މަސައްކަތް ކޮށްފައިވާތީއާއި، ދައުލަތުގެ ވަކިވަކި ބާރުތަކަށް ބުރޫ އަރާގޮތަށް، 2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ ކޯޓު އަމުރަކީ ރިޝްވަތު ދީގެން ނެރެފައިވާ ކޯޓު އަމުރެއް ކަމަށާއި، އެ އަމުރު ނެރުމުގައި ސިނާނު ބައިވެރިވެފައިވާކަމަށާއި، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް އިތުރު ފުލުހުންތަކެއް ލައްވާ ފުލުހުންނާ ކުރިމަތިލައި ޤައުމުގެ ސުލްހަމަސްލަސްކަން ނަގާލައި، ދައުލަތާއި ޤައުމީ ސަލާމަތަށް ނުރައްކާކޮށް ދިވެހި ސަރުކާރު ވައްޓާލަން މަސައްކަތް ކޮށްފައިވާކަމަށް ބުނެއެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި ކުށް ސިނާނުގެ މައްޗަށް ސާބިތު ކުރުމަށް 16 ސިއްރު ހެކިވެރިންނާއި، 4 ސިއްރު ކިތާބީ ހެކީގެ އިތުރުން 6 ފުލުހުންގެ ހެކިބަސްވެސް ހިމެނޭހެން ޖުމްލަ 32 ހެކި ހުށަހަޅާފައިވެއެވެ.

2018 ފެބުރުވަރީ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރެފައިވާ އެ ކޯޓުގެ އެއް ނަންބަރު ކޯޓު އަމުރާއި ގުޅިގެން ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ތަފާތު ދައުވާތަކެއް ކުރެވި އެ ފަރާތްތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.