އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަސް މެންބަރުން މަގާމުން ވަކި ކުރުމުގެ މައްސަލަ މާދަމާ ބާއްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓެ) އެވެ.

ކޮމިޓީ ބައްދަލުވުމުގައި ހަސަންޓެ ވިދާޅުވި ގޮތުގައި، އޭސީސީގެ ފަސް މެންބަރުން ވަކި ކުރަން އޭނާ ހުށަހެޅުއްވި ސަބަބަކީ އެ ކޮމީޝަންގެ މެންބަރުން މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ހިނގި ކޮރަޕްޝަންގެ މައްސަލަތައް ވެސް ތަހުގީގު ނުކުރެވޭތީ ކަމަށެވެ.

އޭސީސީގެ މެންބަރުން ވަކިކުރަން ހުށަހެޅުމުން، ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާލުވީ މާދަމާ ބާއްވާ ކޮމިޓީ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށެވެ. މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި އެ މައްސަލަ އެޖެންޑާ ކޮށްފައި ނެތުމުން އެ ހުށަހެޅުމަކަށް ވޯޓަކަށް މިއަދު ނަހާއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އަމަލު ކުރާ އުސޫލަކީ މިނިވަން މުއައްސަސާއެއްގެ މެންބަރަކު ނުވަތަ މެންބަރުން ވަކިކުރުމުގެ އިޖުރާއަތްތައް ގެންދަން ފެށުމުގެ ކުރިން މަޖިލީހުގެ ރިޔާސަތަށް އެކަން އަންގަން ޖެހޭނެއެވެ. އަދި އެ އިޖުރާއަތްތައް ކުރިއަށް ގެންދަން ކޮމިޓީއަށް ފެށޭނީ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ ކަން އިއުލާން ކުރެއްވުމުންނެވެ.

އޭސީސީގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅީ، ކޮވިޑް-19 ގެ ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ނިންމައި އޭސީސީ އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލާގައި ދައުވާތައް އުފުލޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނެތް ކަމަށް ޕީޖީ އިން ވިދާޅުވެފައިވަނިކޮށެވެ.

ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅަކަށް ދައުވާ ކުރަން އޭސީސީ އިން ފޮނުވިއެވެ. އެކަމަކު ޕީޖީ އިން ނިންމީ ދައުވާ އުފުލޭ ވަރަށް ހެކި ނެތުމުން އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ނުއުފުލުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒީރޯ ޓޮލަރަންސް

    މިގައުމުގެ ވެރިން ވެރިންވެސް ޓްރަމްޕް ހެދެނީބާ؟ މިނިވަން މުއައްސަސާތައް މިނިވަންކަމާއި އެެކު އެއްވެސް ނުފޫޒެއްނެތި ހިންގަން އެތަންތަނަށް ފުރުސަތުދޭނީ ކޮންއިރަކުންބާ؟ ރަށްޔިތުންނަށް ފައިދާވާ ކަމެއް ނުކުރާތި؟ އަމިއްލަ އެދުމާއިގެން އުޅުންހުއްޓާލާ، ފަޚުރުވެރިކަމާއި އެކު ގައުމު ހިގަން ޖާގަދޭން އެބަޖެހޭ.

  2. އަލީ

    ހީވޭތަ ކަމެއްހެން ތިޔާހެން ލޯބޮޑުކޮއްގެން އިންދާ ހޫރާލަނީ ދެން އަވަހައް ދޮންމީހާގޮވާގެން ދޮންމީހާ ރަށައް ކަނޑާލާ އެއިރު ދޮންމީހުން އުޅޭގޮތައް އުޅެވޭނީ،،،،

  3. ވާހްވާހް

    ތިން ހަތަރެއްގެ ބަދަލު