2012 އިން 2018 އަށް ދިވެހި ދައުލަތުގެ ނަގާފައިވާ ދަރަނިތައް އަންނަ އަހަރުން ފެށިގެން ދައްކަން ޖެހޭއިރު، ބައެއް ލޯނުތައް ރީސްޓްރަކްޗާ ކުރަން ނުވަތަ މުރާޖައާ ކުރަން ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އެމްއެމްއޭ ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލަން ދަރަނީގެ މައްސަލަ ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މުޅި މަޖިލިސް އެއްކޮށްގެން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީ ރިޕޯޓް ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޯޓެއް ނުދެއްވައެވެ.

މުޅި މަޖިލިސް އެއްކޮށްގެން އެކުލާވަލާއި ފާސްކުރި އެ ރިޕޯޓަށް ވެސް މަޖިލީހުގެ ތަޅުމުގައި އަދި އެއް ފަހަރު ވޯޓަށް އަހަން ޖެހޭނެއެވެ. އޭގެ ކުރިން ރިޕޯޓަށް އިސްލާހު ހުށަހަޅަން ކޮންމެ މެންބަރަކަށް ވެސް ފުރުސަތު އޮންނާނެއެވެ. މެންބަރުން ހުށަހަޅާ ކޮންމެ އިސްލާާހަކަށް ވެސް ވަކިން ވޯޓަށް އަހަން ޖެހޭނެއެވެ.

ދަރަނިތައް މުރާޖައާ ކުރުމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓްގައި ވަނީ، ބޭރުގެ ގައުމުތަކުން ނަގާފައިވާ ލޯނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ނަގާފައިވާ ލޯނު ފިޔަވައި އެހެން ދަރަނިތައް މުރާޖައާ ކުރުމަށެވެ. އަދި އެކަމަށް މަޖިލީހާއި ސަރުކާރާއި އެމްއެމްއޭ ހިމެނޭ ގޮތަށް ލޯނު ރީސްޓްރަކްޗާ ކޮމިޓީއެއް އެކުލަވާލުމަށް ސަރުކާރަށް ލަފާ ދިނުމަށެވެ.

އަށް މަސް ދުވަހުގެ ތެރޭގައި ކޮމިޓީގެ މަސައްކަތް ނިންމާލަން ޖެހޭނެ ކަމަށް ވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ. ލޯނު ރީސްޓްރަކްޗާ ކޮމިޓީގެ މަސައްކަތް ކުރިއަށްދާ އަށް މަހުގެ ތެރޭގައި، އެ ކޮމިޓީގެ މަސައްކަތުގެ އެންމެ ފަހުގެ މައުލުމާތުތައް ހަފުތާއަކު އެއް ފަހަރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހިއްސާ ކުރުމަށް ވެސް ރިޕޯޓްގައި ހުށަހަޅާފައިވެއެވެ.

އެކަމަކު ހަފުތާއެއްގެ އެއް ފަހަރު މާލިއްޔަތު ކޮމިޓީއަށް ރިޕޯޓް ކުރުމުގެ ބަދަލުގައި މަހަކު އެއް ފަހަރު ރިޕޯޓް ކުރާ ގޮތަށް އިސްލާހު ކުރަން ބައެއް މެންބަރުން ބޭނުންވިއެވެ. އެ ގޮތަށް މަޖިލީހުގެ ތަޅުމުގައި އިސްލާހު ހުށަހަޅާނެ ކަމަށް ބެލެވެއެވެ.

ދަރަނީގެ ހިސާބުތައް ނުބެލެހެއްޓޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވަނީ މިހާރު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ ކަން ކުރެއްވި ބޭފުޅުންނަށް ވެސް ފާޑވިދާޅުވެ ކުރިން ވާހަކަ ދައްކަވައިފައެވެ.

މުޅި މަޖިލީހުގެ އެ ކޮމިޓީއަށް މިނިސްޓަރ އަމީރާއި ކުރީ ސަރުކާރުގައި މިނިސްޓަރު ކަން ކުރެއްވި ބޭފުޅުން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ މިނިސްޓަރ މުހައްމަދު މުނައްވަރު ހާޒިރުކޮށް ސުވާލު ވެސް ކުރެވުނެވެ. އޮޑިޓަ ޖެނެރަލް އަބްދުﷲ ޒިޔަތާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވެސް ހާޒިރުކުރެވުނެވެ.

މީގެ ތެރެއިން މިހާރުގެ ވަޒީރާއި ކުރީގެ ވަޒީރުން ވެސް ފާހަގަކުރެއްވި ކަމަކީ ދައުލަތް ދަރާ މިންވަރަށް ހާލަތު ނުދާ ކަމާއި ދައުލަތުން ނަގާފައިވާ ލޯނުތަކަކީ އަލުން އަނބުރާ ދެއްކޭނެ ވަރުގެ ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ ލޯނެއް ކަން ފިނޭންސް މިނިސްޓްރީން ޔަގީން ކުރާ ކަމަށެވެ.