ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނެންގެވި ކަމަަށް ބުނާ 29 މިލިޔަން ޑޮލަރު އަނބުރާ ދައްކާފައިނުވާ ކަމަށް ބުނެ، އެމަނިކުފާނާއި ދެކޮޅަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ މައްސަލައިގެމާދަމާ އަށް ތާވަލްކޮށްފިއެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފައި ވަނީ މެންދުރު 13:00 އަށެވެ. އެ ޝަރީއަތް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ.

މި ދައުވާއަށް ރައީސް މައުމޫން ވަނީ އިންކާރުކުރައްވާފައެވެ.

ފެބްރުއަރީ މަހު ބޭއްވި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތުން ވަނީ މައްސަލައަށް އިންކާރު ކުރައްވާފައެވެ. މި މައްސަލާގައި ރައީސް މައުމޫންގެ ފަރާތުން ވަކީލެއްގެ ގޮތުގައި ސިވިލް ކޯޓަށް ވަޑައިގެންނެވީ ވަކީލް މުހައްމަދު ފައިސަލެވެ.

އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ދައުވާއަށް އިންކާރު ކުރައްވާ ރައީސް މައުމޫންގެ ފަރާތުން ވިދާޅުވީ އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ރައީސް މައުމޫންގެ ގެކޮޅު ކިނބިގަސްދޮށުގެ ރަޖިސްޓްރީ ބޭއްވުމަށްފަހު އެފަދަ މުއާމަލާތެއް ހިންގާފައިވާ ކަމަށް ދެކެވޭ ވާހަކަތަކީ ހަގީގަތާ ޚީލާފް ވާހަކަތަކެއް ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

އެ އަޑުއެހުން ނިންމާލީ ރައީސް މައުމޫންގެ ފަރާތުން ޝަރީއަތުގައި ދައުވާއަށް އިންކާރު ކުރުމުން އެކަމަށް ޖަވާބު ދެއްވުމަށް މައްސަލަ ހުށަހެޅި ޖާބިރަށް ފުރުސަތު ދެއްވުމަށްފަހުއެވެ.

ޖާބިރު މީގެކުރިން ވިދާޅުވެފައި ވަނީ އެ ފައިސާއަކީ "ޑިމޮކްރަސީ"އަށްޓަކައި ދިން ފައިސާއެއް ކަމަށެވެ. ޖާބިރު ވިދާޅުވީ ރައީސް މައުމޫނަށް ދެއްވި ފައިސާ އަނބުރާ އިންޓަރެސްޓާއި އެއްކޮށް ދެއްވާނެ ކަމަށް ވިދާޅުވިކަމަށެވެ. ރައީސް މައުމޫނަށް ސިޔާސީ ގޮތުން ލިބިލައްވާ ފައިސާއިން 50 އިންސައްތަ ޖާބިރަށް ދެއްވާނެ ކަމުގެ ޔަޤީންކަން އެރުވިކަމަށް ޖާބިރު ވިދާޅުވެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގެ ކުރިން ސިވިލް ކޯޓުގެ ޑިސްޕިއުޓު މަރުހަލާއިން ވެސް ހައްލު ލިބޭ ގޮތް ވަނީ ނުވެފައެވެ. ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޒަނަކީ، ސިވިލް ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ދަޢުވާ ކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުގައި ވާހަކަ ދެއްކެވި، ދެ ފަރާތުން އެއްބަސްވެވޭ ގޮތަކަށް މައްސަލަ ނިންމުމަށް، ބާރުއެޅުމުގެ ގޮތުން އެކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ފުރަތަމަ މަރުހަލާއެވެ.

މި މައްސަލަ ޖާބިރުގެ ފަރާތުން ފުލުހުންނަށްވެސް ހުށަހެޅި ނަމަވެސް ފުލުހުނަށް ހުށަހެޅި މައްސަލަ ޖާބިރު ވަނީ އަނބުރާ ނަންގަވާފައެވެ.

އޭރު އެ މައްސަލަ ޖާބިރު އަނބުރާ ނެންގެވުމަށްފަހު ވަނީ މައުމޫނަށް މައާފުވެސް ދެއްވާފައެވެ.

ޖާބިރު މީގެކުރިން ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު އޭރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ވަހީދު

  ދަ ރައްޏަށް މީހަކު އަތުން ނެގި އެއްޗެއްވެއްޖެއްޔާ ދޭންވާނެ..

 2. މާމީ

  މައުމޫނު ނެގިއްޔާ އޯކޭވާނެ..

  2
  1
 3. ނާނި

  ދެން ކޮންމެ މަހަކު ސަރުކާރުން ތިޔަ ނަގާ 3 ލައްކަ ރުފިޔާއިން ދަރަނި އަދާކުރަން ވެއްޖެންނު.

 4. ބޯރާވިޔަފާރ

  ސަރިޔައް ކުރަންޏާ ކުރާނެބައިވަރު ކަންކަން އެބަހުއްޓޠެއްނޫންތޯ މިސާލަކައް އެމްއެސް ކިޔާ މިގައުމުގެ ރައްޔިތުންގެ ތަރިކަކަމައް ބުނާ 98 އާގްބޯޓް ވީކޮންތާކުތޯ ހުދުކާފޫރައްވީތޯ އެއަރ މޯލްޑިވްސް ކިޔާ ކުންފުންޏެއްގައި އޮއްކަމައް ބުނާ މަތިންދާބޯޓްތައް ކޮބާތޯ މިހެން ގޮސް ކިއުއްވަބަލަ ވިސްނާ ވިސްނާ ބޯހަލާކް

 5. ހުވަދު އަތޮޅުން : ދޮން އަޙައްމަދާގެ މުކުރިޔާ / ދޮން އަޙުމަދު އާބެ

  ލޮލީ ! ހަމަ ހިނި އަންނަނީ...

 6. ތެއިހައި ރަހަކަޓެ ހުއްޓީ ބެއްޔާ

  ހަނދު ކޭތަ ހިފާފަ ދެއްތޯ އެހުންނެވީ

 7. ޏ. ފުވައްމުލަކުން: ބެއްޔާގެ ބެއްޔާ

  މައުމޫނެވެ. ޕާޓީ ސިސްޓަމް ނުހައްދަވާ މަނިކުފާނުގެ ޢިއްޒަތާއި ޤަދަރު ހިފެހެއްޓޭ ގޮތަށް ކުރިން އާރާއި ބާރު ދެމެހެއްޓުނީސް ދެއްތޯއެވެ؟ އަތޮޅުވެރިންނާއި، މުއާވިނުންނާއި، ކަތީބުންނާއި، ޤާޟީންނާއި، މުދިމުން ގެ ޒަމާން މާބޮޑަށް ވެސް ތާހިރު ދެއްތޯއެވެ؟ އެގޮތަށް އަނެއްކާ ވެސް ރާއްޖެ އެނބުރިދާނެ ބާވައޭ ހިތަށް އަރައެވެ.