މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 1439 (2018) ވަނަ އަހަރުގެ ޙައްޖު ދަތުރުގެ ވައިގެ ދަތުރުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން އިޢުލާނު ކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވަޑައިގަންނަވާ ޙާޖީން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯރޓުން ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް ޢަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެ މަގުން ގެންގޮސްދިނުމާއި އެނބުރި ގެނެސްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި ވައިގެ ދަތުރުތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ދަތުރުފަތުރު ކުރުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެއާލައިންތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2018 މެއި 30 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ހައްޖު ކޯޕަރޭޝަނުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ކަރުދާސް ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޖޫން 7 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޒިރުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.

1439 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވާ ފަސް ކުންފުނީގެ ތެރޭގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ހިމެނެއެވެ. ހައްޖު ކޯޕަރޭޝަނުގެ އިތުރުން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާއާއި، ޒަޢީ ގްރޫޕުގެ އިތުރުން ތަޒްކިޔާ އަދި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑަށެވެ.