ބޭރުން އައްޑު އަތޮޅަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގަތް 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ކުރިން ހައްޔަރުގައި ހުރި މީހަކު ދޫކޮށްލާފައިވަނިކޮށް ޝަރީއަތް ނިމެންދެން ޖަލުގައި އޭނާ ބަންދުގައި ކުރަން ހައި ކޯޓުން އަމުރުކޮށްފިއެވެ.

ބޭރުގެ ބަޔަކާ ގުޅިގެން މި މަހު ކުރީކޮޅު ކަނޑުމަގުން އައްޑުއަށް އެތެރެކުރަނިކޮށް އަތުލައިގަތް މި މަސްތުވާތަކެތީގެ މައްސަލާގައި 16 މީހަކު ފުލިހުން ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ. ބާކީ އަށް މީހަކު ކޯޓުން ދޫކޮށްލިއެވެ.

އެއިން އެކަކުގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުން މިއަދު ނެރުނު ހުކުމުގައި ވަނީ އޭނާ ދޫކޮށްލީ ހެކި ނެތިގެން ކަމަށް ދަށު ކޯޓުގައި ބުންޏަސް އޭގެ ކުރިން ދެ ފަރަތެއްގެ މަތިން ބަންދުގެ މުއްދަތު އެ ކޯޓުން އިތުރު ކުރީ އެކަށީގެންވާ ހެކި ހުރި ކަމަށް ނިންމުމަށް ފަހު ކަން ކޯޓު އަމުރުތަކުން އެނގޭ ކަމަށެވެ.

މި މަރުހަލާގައި ކުށް ސާބިތުވާ ވަރަށް ހެކި ހުރިތޯ ބަލަން ނުޖެހޭ ކަމަށާއި ބަލަން ޖެހޭނީ ތުހުމަތެއް އުފެދޭ މިންވަރު ހެކި ހުރިތޯ ނުވަތަ ނޫންތޯ ކަމަށް އެ ހުކުމުގައެވެ. އަދި އޭނާ ދޫކޮށްލާފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެ ހުކުމުގައިވެއެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހާތިފް ހިލްމީއެވެ.