ބަރުލަމާނީ ނިޒާމަކަށް ރާައްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފާސްނުވުމުން ތަޅުމުން ބިލް ބޭރުކޮށްލައިފިއެވެ.

ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލް މަޖިލީހުގެ ތަޅުމަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން ބިލް ތަޅުމަށް ބަލައިގަންނަން ފާހެއް ނުވިއެވެ.

މި ބިލް ތަޅުމަށް ތައާރަފް ކުރެއްވުމުގެ މަރުހަލާއާއި އިބްތިދާއީ ބަހުސްގެ މަރުހަލާ ފަށައިގެން ކުރިއަށް ގެންދިޔައީ ވެސް މިއަދުގެ ޖަލްސާގައެވެ. އެ ބިލަށް ވާހަކަ ދެއްކެވީ ވެސް އެންމެ ތިން މެންބަރުންނެވެ. އެއީ ޖާބިރުގެ އިތުރުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފްއާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެމްޑީޕީގެ އެހެން މެންބަރަކު މި ބިލަށް ބަހުސްގައި ބައިވެރިނުވިއިރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވެރިކަމުގެ ނިޒާމުގެ ހިޔާލާ މެދު ހިޔާލު ދެކަފިވެފައިވެއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ކުރައްވައި ވާހަކަ ދައްކަވާއިރު ރިޔާސީ ނިޒާމު ބާއްވަން ވަކާލާތު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދައްކަވައެވެ.

އެމްޑީޕީގައި މި ކަމުގައި ހިޔާލު ތަފާތުވުން އޮތްއިރު ބަރުލަމާނީ ނިޒާމަކީ ރައީސް ނަޝީދު އެންމެ ބޭނުންފުޅުވާ ނިޒާމެވެ. 2007 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ރައީސް ނަޝީދާއި އެމްޑީޕީ ތާއީދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. އެ ވޯޓުގައި 60 ޕަސެންޓް ރައްޔިތުންގެ ވޯޓުން ކުރި ހޯދީ ރިޔާސީ ނިޒާމެވެ.

ރައީސް ނަޝީދު ދާދި ފަހަކުން ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެންނަން ކިތަންމެ ތާއީދު ކުރެއްވި ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ ކުރަން ޖެހިފައިވާ އެތައް ކަމެއް އޮތުމުން މިއީ ވެރިކަން ކުރުމުގެ ނިޒާމުގެ ބަހުސް ހިންގަންވީ ދަނޑިވަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖާބިރުގެ ބިލުގެ ތަފްސީލްތައް

އެ ބިލްގައި ވަނީ، ވެރިކަން ހިންގުމުގެ ބާރު ބޮޑުވަޒީރަށް ލިބިދޭ ގޮތަށް ބަދަލުކުރުމަށެވެ. ބޮޑުވަޒީރަކަށް ވެގެން ދާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށް މެޖޯރިޓީ ހޯދާ ޕާޓީގެ ލީޑަރެވެ. ބިލްގައި އޮތީ މަޖިލީހަށް ރިޔާސީ ބަޔާން އިއްވުން ފަދަ ރައީސްގެ މަސްއޫލިއްޔަތުތައް ވެސް ބޮޑުވަޒީރަށް ލިބިގެންދާ ގޮތަށެވެ.

އެ ބިލްގައި ދެން ވަނީ ރައީސްގެ މަގާމު ވެސް މަޖިލީހުން އިންތިހާބު ކުރާ ގޮތަށް ހެދުމަށެވެ. އެ ގޮތުން މަޖިލީހުން މަގާމަށް ހުޅުވާލަން އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ މެދުގައި މަޖިލީހުގައި ސިއްރު ވޯޓެއް ނަގާނެއެވެ. ރައީސްގެ މަގާމަށް އިންތިހާބު ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ފަރާތެއް ކަމަށް އެ ބިލްގައިވެއެވެ.

އެ ބިލް މަޖިލީހުން ފާސްވެ ރައީސް ތަސްދީގު ކުރުމާއެކު އޭރަކު ހުންނަވާ ރައީސްއާއި އެމަނިކުފާނުގެ ކެބިނެޓް އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވެސް ބިލްގައިވެއެވެ. އަދި ބަރުލަމާނީ ނިޒާމެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބޭއްވެން ދެން އޭރެއްގައި ހުންނަ މަޖިލީހުގެ ރައީސް ވަގުތީ ގޮތުން ގައުމު ހިންގުމާއި ހަވާލުވާނެ ކަމަށް ބިލްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަނަފަސް

    އަޅެފަހެ ގައުމަށް ދިމާވެގެން މިއުޅެނީ ވެރިކަން ހިންގުމުގެ ނިޒާމީ މައްސަލައެއްތަ؟؟

    12
  2. އެމަންޖެ

    ތިޔައީ ކަލޭމެން ކުރާނެ މަސައްކަތެއް ނެތީމަ ފޫހިފިލުވާލަން ކުރާކަމެއް ، ތިބިލް އަދި ފާސްކުރާނެ ތިޔައީ އަންނިގެ ބޮޑު ރޭވުމެއް.

    11
  3. Anonymous

    ދެރަކަމެއް.
    މިރޭ ނުވެސް ނުދޭނެ މީހަކަށް.
    މިއޮއް ހުރިހާ ދުވަހު ހުވަފެން ބެލީ

    11
  4. ހުސާމް

    ދެރަނުވޭ ޖާބިރޫ! ކޮންމެ އެމްޕީއެއްގެ ގޭދޮރުމަތީގަ ކޭބަލް ކާރުގެ ސްޓޮޕްއެއް ހަދާދޭންބުނެ އޭރުން ތިކަންތައްވެދާނެ

  5. ގެރި ކުޑޭ

    ތިއީ ނަޝީދު ބުނެގެން އޭނަ ފަރުމާ ކުރިގޮތަށް ޖާބޭ ލައްވާ ވެއްދި ބިލެއް، ބޭނުމަކީ އެވާހަކަ ރައްޔިތުންގެ ތެރޭ ދެއްކުން! އެޚިޔާލު ބަހުސަކަށް ހެދުން. 2022 ތިބިލު އަލުން ހުށަހަޅާނެ އަދި އިންޑިޔާގެ މަކަރުވެރި އެހީއާއެކު އިލެކްޝަން ޝަރީފް ރޭޕްކޮށްގެން ތިކަންތައް ކުރުވާނެ!

  6. ރަނާ

    ބަލަ ޖާބިރޫ ، އެމް ޑީ ޕީ ކުދިން ކިތަންމެ ބޭނުންވި ނަމަވެސް ހުސްބުޅީގަ ނުގަންނާނަމޭނު އެ ގޮވަނީ، ކޮންމެ ބުޅިއެއްގަ ހައެއްކަ ގޯނި ޑޮލަރު އަޅުވާލާފަ ދޫކޮށްލިނަމަ ތިހެންނުވީހެންނު، ގޮސް ކައިރީގަ ނުޖެހެނީސް ގަންނާނެ،
    ރައްޔިތުންނަށް ހެޔޮއެދިގެނެއްނޫން އެ ބޭރުކޮށްލީ.
    ޖީބުތަކާ އަންބޮޑިތަކަށް ރާޙަތެއް ނުކުރީ،

  7. ރަދީފް

    1 ވޯޓް.އެއީ ޖާބިރު ދޯ.ހެހެހެހެހެ

  8. ައަހުމަދު

    ބަލަ ރައްޔިތުން އޮތީ ތިޔަ ނަރުދަމާނީ ނިޒާމަށް ނޫނެކޭ ބުނެފަކަން ޖާބިރު އާއި ނަޝީދު ހަނދާން ނެތުނީތަ؟ އެހެން ނޫންތަ ވާނީ ، ގިނައިން އުޅޭނީ ހިންދުކޮޅުގަ ވިއްޔަ.