އެމެރިކާގެ ރައީސަށް ހާރިޖީ ލަފާ ދެއްވަން ހުންނަވާ އެންމެ އިސް ފަރާތް، އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން މަރުހަބާ ކިޔައިފިއެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާއެކު އުފައްދާފައިވާ "އިންޑޯ-ޕެސިފިކް" އެލަޔަންސްގެ ބައްދަލުވުމަށް އިންޑިއާއަށް ވަޑައިގަތްއިރު މި ސަރުހައްދުގެ އެހެން ގައުމުތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އިދިކޮޅު ކޯލިޝަނުން އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެއަށް ޕޮމްޕެއޯ ކުރެއްވި ޒިޔާރަތުގެ ތެރެއިން ދިވެހިންގެ މަސްލަހަތާ ގުޅުން ހުރި މުހިއްމު މަޝްވަރާތަކެއް ކުރެވިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އިގްތިސާދު ކޮޅަށް ޖެހުމުގެ މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އުއްމީދު ކުރައްވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަންދުގައި ހުންނަވާތާ އަހަރަކަށް ވާން ގާތްވެފައިވާއިރު، އެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އަށް ދައުވާ ކޮށްފައިވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައެވެ.

ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށާއި ޑިމޮކްރަސީގެ ހަމަތައް ހިފަހައްޓަން ޕޮމްޕެއޯގެ ދަތުރުގެ ތެރެއިން މަޝްވަރާ ކުރުމަށް އެދޭ ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ. ގައުމު އަލުން އަނބުރާ ޑިމޮކްރެޓިކް ނިޒާމުގައި ހިންގުމާ މެދު މަޝްވަރާ ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބަޔާނުގައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވެ ގައުމުގެ މާލިއްޔަތު ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ކަމަށާއި ހަރަދު ކުރުމުގެ ސިޔާސަތުތައް ބަދަލުކޮށް ކޮރަޕްޝަން މަދު ކުރަން ޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންވެ އެމެރިކާގެ އިންވެސްޓްމަންޓް ރާއްޖޭގައި އިތުރު ކޮށްދޭން ވެސް ބަޔާނުގައި އެދިފައިވެއެވެ.

ޕީޕީއެމް އާއި ޕީއެންސީ އިން ބުނީ ދިވެހި ދައުލަތުގެ ސިޔާސަތުތައް ހަރުދަނާކޮށް އިގްތިސާދުގެ ފުދުންތެރިކަން އިތުރު ކުރުމާއި ގައުމުގެ މަސަލަސްކަން ދެމެހެއްޓުމުގައި މުހިއްމު ބައިވެރިއެއްގެ ގޮތުގައި އެ ދެ ޕާޓީ ހިމެނޭ ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ މި ދަތުރުފުޅަކީ ވޭތުވެދިޔަ ދިޔަ 16 އަހަރުގެ ތެރޭގައި އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެކެވެ. އެންމެ ފަހުން އެ ގައުމުގެ ހާރިޖީ ވަޒީރަކު ރާއްޖެ ވަޑައިގެންނެވީ ޖުލައި 2004 ގައެވެ.

މީގެ އިތުރުން ޖުލައި 24، 1992 ގައި އޭރުގެ އެމެރިކާގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި މަތީ ފަންތީގެ ރަސްމީ ދަތުރުފުޅަށް ފަހު އެމެރިކާގެ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާނެ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ވެސް ބާއްވަވާނެއެވެ.

މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރި މަގުގައި ދެ ޤައުމުގެ މެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. އެ ބައްދަލުވުން އޮންނާނީ ޝެރަޓަން ރިސޯޓްގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ައޮފްބެ

    ލޮލް

    1
    2
    • ސައިމޮ

      ޤައްސާނު އާއި ބައްދަލު ކު ރުމަށް ގޮވާލަން.....ވާނުވާ

  2. Anonymous

    މި ސަރަހައްދުގައި އިސްލާމްދީން ފެތުރުމުގެ ހަސަދަވެރިކަން ފިލުވާލުމަށް ކުރައްވާ ދަތުރުޕުޅޭ ނިކިޔަނީ ކީއްވެތޯ؟ ޝަހިންދާ މެންގެ ބޮސް އަށް މަރުހަބާ ވިދާޅުވަނީތޯ؟ މުޅީންވެސް އެއް ފުއްގަނޑުން ތައްޔާރު ކުރެވިފައިވާ ތަފާތު ހެދިކާ. އެއް ރަހައެއް ދޭނީ

  3. ސައިމޮ

    ޤައްސާނު އާއި ބައްދަލު ކު ރުމަށް ގޮވާލަން.....ވާނުވާ

  4. ތުއްތު ކަލޯ ބޭ

    ޕޮމްޕު މެން ގެ ވެެރިކަން ނިމެނީ!