ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމަށް 793 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ލޯނުތައް ދެއްކުމަށް 1.8 ބިލިއަން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މިއަހަރުގެ މިމަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ދައުލަތުން 793.5 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލޯނުތައް ދެއްކުމަށް 968.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިފައިވާއިރު 20 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފިއެވެ. އެހެންކަމުން އެއީ ދައުލަތުގެ އާމްދަނީއަށް ވުރެ ހަރަދުތައް މި ވަނީ 9 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ބޮޑު ބައެއް ލިބިފައިވާ ޓެކުހުގެ ގޮތުގައި 8.4 ބިިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު ޓެކުހުގެ ގޮތުގެ 13.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ރެވެނިއުގެ ގޮތުގައި ފަސް ބިލިއަން ދައުލަތަށް ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ދައުލަތުން ލަފާ ކޮށްފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 17 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސް ރެވެނިއު ގޮތުގައި ދައުލަތަށް ހަތް ބިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށްވެސް ދައުލަތުން ވަނީ ލަފާކޮށްފައެވެ.

މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 30،731.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް އެ އަދަދު ދައުލަތަށް މިއަހަރު ނުލިބޭނެ ކަމަށާއި މިހާރު ލަފާކުރަނީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ލިބިގެން ދާނެ ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.