ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް "ފަސްކުރި" ކިޔާ މަސްދޯންޏަށް ބަޔަކު ތޫނު އެއްޗެހި ހިފައިގެން އަރައި އެ ދޯނި ހައިޖެކް ކުރި ކަމަށް ބުނާ މައްސަލާގައި ދޯނީގެ ވެރިފަރާތުން ބަޔާނެއް ނެރެފައިވާއިރު އެ ދޯނީގައި މަސައްކަތް ކުރާ ފަޅުވެރިންގެ ފަރާތުން ވެސް ބަޔާނެއް ނެރެ އެކި ތުހުމަތުތައް ކޮށްފިއެވެ.

މިއީ ލ.ގަމު މީހަކު ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އިންސްޓޯލްމަންޓް އުސޫލުން ވިއްކާލާފައިވާ ދޯންޏެކެވެ. ވެރި ފަރާތުން ބުނާ ގޮތުގައި އަހަރު ދުވަހު ތެރޭގައި ހަތް މިލިއަން ރުފިޔާ ދައްކާ ގޮތަށް އެއްބަސްވި ނަމަވެސް ހަތް ލައްކަ ރުފިޔާ ދިނުމަށް ފަހު އެއްބަސްވުމާ އެއް ގޮތަށް ފައިސާއެއް ނުދައްކައެވެ.

ލ. އަތޮޅު އެތެރެވަރީގައި ދޯނި އޮއްވައި ދޯނީގެ ވެރިފަރާތާއި އޭނާގެ އެކުވެރިން ދޯންޏަށް އެރީ އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ ކަމަށް ބުނެ ދޯނި އަތުލުމަށެވެ. އެ ގޮތަށް އެރީ ތޫނު އެއްޗެހި ހިފައިގެން ކަމަށް ބުނާ މައްސަލާގައި 16 މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ،.

މި ދޯނީގެ 22 ފަޅުވެރިންގެ ފަރާތުން ނެރުނު ބަޔާނުގައި ވަނީ ލ. ވައިނޮޅި ކައިރީގައި އެންދެމުގެ މަސައްކަތުގައި ތިއްބައި، ދޯންޏަށް ދަނގަޑާއި، ވަޅިއާއި ކަނޑި ފަދަ ތޫނު އެއްޗެއްސާއެކު ބަޔަކު އެރި ކަމަށެވެ. ދޯނީގެ ވެރި ފަރާތް، އިދުރީސް ހުސެއިން ވެސް ހިމެނޭ ގޮތަށް 27 މީހަކު އެރި ކަމަށް ބަޔާނުގައިވެއެވެ. އަދިި އެ މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފަޅުވެރިން ބުނެއެވެ.

ދޯންޏަށް އަރައި ދޯނީގެ ކެޕްޓަން ވީލް ހައުސްގައި ނިދާފައި އޮއްވާ އޭނާ ހޭލައްވައި، ދޯނި ދަތުރު ކުރުމަށް އަމުރު ކުރީ ވަޅި ހިފައިގެން ތިބި ތިން މީހުން ކަމަށާއި އެ ތިން މީހުންގެ ތިބީ ވީލް ހައުސް ތެރޭގައި ކެޕްޓަންގެ ފުރަގަހުގައި ވަޅި ހިފައިގެން ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އެމީހުން އެ ގޮތަށް އެންގި އިރު އިދުރީސް ވެސް ދޯނީގެ ވީލް ހައުސް ބޭރުގައި މަޑުކޮށްލައިގެން ހުރި ކަމަށާއި ދޯންޏަށް އެރި މީހުން އޭރު ހަޅޭލަވައި، ހުތުރު ބަހުން އެއްޗެހި ގޮވަމުން ދިޔަ ކަމަށް ބަޔާނުގައިވެއެވެ. އަދި ބައެއް ފަޅުވެރިންގެ ގައިގައި ވަޅި ޖައްސައި އެކި ކަންކަން ކުރުމަށް އަމުރު ކުރަމުން ދިޔަ ކަމަށް އެމީހުން ބުނެއެވެ.

"ދޯނީގައި ތިބި ފަޅުވެރިންނަށް އެކި ގޮތް ގޮތުން ބިރު ދައްކައި ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް އެތަނުން މީހަކު ވަނީ ހޫނު ފެން އަޅާފައެވެ. މި ހާދިސާ ހިނގަމުން ދިޔަ ވަގުތު އެހީއަށް އެދި އެއްވެސް ފަރާތަކަށް ގުޅާނެ ފުރުސަތެއް ދޯނީގައި ތިބި އެއްވެސް ފަޅުވެރިއަކަށް ލިބިފައި ނުވެއެވެ. ދޯނި ސްޓާޓުކޮށް ދުއްވަން ފެށުމުން ދޯންޏަށް އެރި މީހުން ދޯނީގައި ކާން ހުރީ ކޯއްޗެއްތޯ، ކޮފީ އެބަހުރިތޯ، ކަޕް ނޫޑްލްސް ހުރިތޯ އަހައި އެތަކެތި ދިނުމަށް ދިޔައީ އަންގަމުންނެވެ. އެ ވަގުތު ދޯނީގެ ފަޅުވެރިއަކު ފާހާނާއަށް ދާން ޖެހޭ ކަމަށް ބުނެ ދޯނީގެ ފާހާނާއަށް ވަދެ ޖީބުގައި އޮތް ފޯނުން ސ. މީދޫގައި ހުންނަ ޕޮލިހުންގެ އިދާރާއަށް މައްސަލަ ރިޕޯޓުކޮށް ހާދިސާގެ މައުލޫމާތު ހިއްސާކުރިއެވެ." ފަޅުވެރިންގެ ބަޔާނުގައިވެއެވެ.

ބިރު ދެއްކުމާއި އިންޒާރު ދިނުން ފަދަ އެތައް ތުހުމަތެއް ފަޅުވެރިންގެ ބަޔާނުގައި އޮތްއިރު، އިއްޔެ ދޯނީގެ ވެރިފަރާތުން ވެސް މި ކަމާ ގުޅިގެން ބަޔާނެއް ނެރުނެވެ.

ދޯނީގެ ވެރިފަރާތުން ނެރުނު ބަޔާނުގައިވާ ގޮތުން، ދޯންޏަށް ޖާބިރު ފައިސާ ނުދައްކަވާތީ ދޯނި އަނބުރާ ހޯދަން އޭނާއާއި އޭނާގެ ދަރިންނާއި އެކުވެރިންނާ އެކު އެރި ކަމަށާއި ދޯނި އަނބުރާ ސުލްހަވެރިކަމާ އެކު އަނބުރާ ދިނުމަށް ދޯނީގައި އޭރު ތިބި މީހުން އެއްބަސްވެ ލ. ގަމު ތުނޑީ ޖެޓީއާ ހަމައަށް ދޯނި ގެންގޮސްދިނީއެވެ.

އެ ކަން ހިނގިއިރު އެއްވެސް މާރާމާރީއެއް، ހަމަނުޖެހުމެއް، ޒުވާބު ކުރުމެއް ވެސް ނެތް ކަމަށެވެ. އަދި ދޯނީގެ ފަޅުވެެރިން ދޯނިން ނުބާލައި ހަމައެކަނި ދޯނީގެ ތަޅުދަނޑި އަތުލުމަށް ފަހު، ދޯންޏާއެކު އެއްވެސް ތާކަށް ނުފުރަން އެދި ދޯނިން ފޭބި ކަމަށް ވެރިފަރާތުގެ ބަޔާނުގައިވެއެވެ.

އެކަމަކު ދޯނީގެ ނަކަލު ތަޅުގަނޑި ހިފައިގެން ފުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ދޯނި ހަވާލު ކޮށްދޭން ވަގުތީ އަމުރެއް ނެރެން އެދުނު ކަމަށާއި ކޯޓު އަމުރު ލިބުމުން ސުލްހަވެރިކަމާއެކު ފަޅުވެރިން ދޯނިން ފޭބުމަށް އެންގި ކަމަށެވެ. އަދި ދޯނީގެ ވެރިފަރާތައް ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ ކަމަށް ބުނުމުން އެ ފަރާތުން އެދުނީ ލ.ހިތަދުއަށް ދެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށާއި އެ ކަން ކޮށްދިން ކަމަށް ވެރި ފަރާތުން ބުންޏެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯންޏަށް ފައިސާ ނުދައްކާކަން ދޯނީގެ ފަޅުވެރިންނަށް ވެސް ކުރިން އެނގެއެވެ. އެމީހުން އަތުން ދޯނި އަތުލަން ދޯނީގެ ވެރިފަރާތުން އެރުމުގެ ކުރިން ވެސް އެމީހުންގެ މެދުގައި ފޯނުން މުއާމަލާތްތައް ކުރެވިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ލ.ގަމު "ހައްދުންމަތި"

  ހައްދުމަތި ކިޔަނީ ހަމަ.
  ކިޔާވަރުވީމަދޯ ކިހާދެރަދޯ އެއީ ގަމުބައެއްނޫން ސުނާމީ ފަހުން ގަމަށް ބަދަލުވެގެން އުޅޭބައެއް އެމީހުން އެ ކުރި ކަމެއްގެ ސަބަބުން ގަމުމީހުން ލަދުން ބޯހަލާ މުޅި ލ. އަތޮޅަށްވެސް ހުތުރު!

  7
  3
 2. ލަކީ

  ހެހެ މަހުރި ދޯންޏެއް ނަމަ ލާހިކަ އެއްނޫން އެކަކައްވެސް ދޯންޏައް އަރާކަށް

  3
  4
 3. ހހ

  އެންމެ މަތީ ފޮޓޯއިން ފެންނަނީ ޕޮލިސް ރައީސްެ ޔާމީން މިނިވަން ކުރަން ގޮޥާލައި ކަނޑުމަތީގައި ކުރި މުޒާހަރާ

  7
  3
 4. ކިރކޫކް

  ޖާބިރު އައްވުރެ ބޮޑައް މިކަމުގައި ލ.ފުލުހުން ޒާތީކަން ބޮޑު.

  4
  3