ސެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ އާ އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިމެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލު ކޮށްފިއެވެ.

ސީއެޗްއެސްއީގެ އާއިމާރާތް އެޅުމަށް ބޭނުންވާ ބިން އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލު ކޮށްފައިވަނީ މިއަދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި އޮތް ރަސްމިއްޔާތެއްގައެވެ.

އެޗްޑީސގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 26،000 އަކަފޫޓުގެ ބިމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ކުރެހުން ނިންމާފައިވާ މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސްޓޭޑިއަމް ކައިރީގައެވެ. މި އިމާރާތް ބޭނުން ކުރެވޭވަރުވަނީ 2022 ވަނަ އަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

އޭލެވެލަށް ކިޔަވައިދޭން ހާއްސަ ކޮށްފައިވާ ސީއެޗްއެސްއީ ހުޅުމާލެ އަށް ބަދަލު ކުރަން ނިންމީ މި އަހަރު ކުރީކޮޅުއެވެ. މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމި އިރު ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލު ކޮށްފައިވެއެވެ.

ސީއެޗްއެސްއީ މީގެ ކުރިން 1979 ވަނަ އަހަރު ހުޅުވާފައިވަނީ ސައިންސް އެޑިއުކޭޝަން ސެންޓަރ (އެސްއީސީ) ގެ ނަމުގައެވެ. އޭރެ އެ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން ގޮސްފައިވަނީ 47 ދަރިވަރުންނެވެ. އެސްއީސީގެ ނަން ސީއެޗްއެސްއީ އަށް ބަދަލު ކޮށްފައިވަނީ 2001 ވަނަ އަހަރުގައެވެ.