ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތަމްސީލް ކުރައްވާ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ މެދުގައި ތަފާތު ކުރުންތަކެއް ގެންގުޅުއްވާނެ ކަމުގެ ޝަކުވާކޮށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމަށް ހޫނު ސުވާލުތަކެއް ބައެއް މެންބަރުން އަމާޒުކުރެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރ އަސްލަމް ހާޒިރު ކުރެއްވީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެ ސުވާލަކީ ވެސް ބަޖެޓްގައި ހިމެނިފައި ނެތް މަޝްރޫއަކަށް 37.8 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ސޮއިކުރަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ.

ސިރާޖް ހުށަހެޅުއްވި ސުވާލުގައި އެއީ ކޮން މަޝްރޫއެއް ކަން ވިދާޅުވެފައި ނެތް ނަމަވެސް އެއީ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ކަން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ. އަދި ސިރާޖް ތަމްސީލް ކުރައްވާ ފޮނަދޫ މަގުތަކުގެ މަޝްރޫއު ބަޖެޓްގައި އޮތްއިރު މަޑުޖެހިފައިވާ ސަބަބު އޮޅުން ފިލުވަން ވެސް ސުވާލު ކުރެއްވިއެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ ފަހުން ސޮއިކުރެވުނު ދުވާފަރު މަޝްރޫއަކީ އާ މަޝްރޫއެއް ނޫން ކަމަށާއި އެއީ ކުރިން ވެސް ސޮއިކުރެވުނު މަޝްރޫއެއްގައި އިތުރު މަސައްކަތެއް ހިމެނުމަށް ހަވާލު ކުރެވުނީ ކަމަށެވެ.

އެއީ އާންމު ގޮތެއްގައި ގިނަ މަޝްރޫއުތަކުގައި ވެސް އެ މަޝްރޫއު ހިންގޭ ރަށުގެ ރައްޔިތުންނާއި އެ އިދާރީ ދާއިރާ މަޖިލީހުގައި ތަމްސީލް ކުރައްވާ މެންބަރު އެދޭ ގޮތަކަށް މަޝްރޫއަށް ބަދަލެއް ގެންނަން ޖެހުމުން އެކަން ކުރަމުން އަންނަ =ކަމަށް އަސްލަމް ވިދަޅުވިއެވެ.

"ހިނގަހިނގާ އޮތް މަސައްކަތެއްގެ ކަމެއް އެ ހިނގަނީ. އާންމު އުސޫލުން ކޮންމެ މަސައްކަތެއްގައި އިތުރު ކުރެވޭ މިންވަރެއް އެއީ. ވަރަށް ގިނަ މަޝްރޫއުތައް މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ އެދުމާ އެއް ގޮތަށް ވަރަށް ގިނަ މަޝްރޫއުތަކުގެ މަސައްކަތް އިތުރުކޮށްފައި އޮންނާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މި ގޮތަށް ވިދާޅުވިއިރު އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ބައެއް އެހެން މެންބަރުން ވަނީ ބަޖެޓްގައި ނެތް ކަމެއް މަޝްރޫއެއްގެ ތެރެއަށް އިތުރު ކުރަން ނިންމުމުންނާއި އެ މެންބަރުންގެ ދާއިރާގައި ހުރި ކަންކަން ކުރިއަށް ނުދާ ކަމުގެ ޝަކުވާ އުފުލައިފައެވެ.

ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފް ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުން ބަޖެޓް ހަރަދު ކުރުމުގެ އުސޫލެއް އޮންނަ ކަމަށާއި ބަޖެޓްގެ ފައިސާ ހޭދަ ކުރަން ވާނީ އެ އުސޫލާ އެއް ގޮތަށް ކަމަށެވެ. އެ ނޫން ގޮތަކަށް ހޭދަ ކުރެވެން ވާނީ ހަމައެކަނި ކުއްލި ހާލަތެއްގައި ހޭދަ ކުރުމަށް އެކަނި ކަމަށް އަފީފް ވިދާޅުވިއެވެ. އަދި ވަކި ދާއިރާއެއްގެ އިތުރު މަގެއް ހެދުމަކީ އެފަދަ ކުއްލި ކަމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުމުން އެ ބަޖެޓްގައި ނުވާ ކަންކަމަށް އެކި ވުޒާރާތަކުން ހޭދަކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސިރާޖް ހުށަހެޅުއްވި ސުވާލުގައިވާ ކަމަކީ ބަޖެޓްގައި ހިމެނޭ ކަމެއްތޯ ނުވަތަ ނޫންތޯ ސާފުކޮށްދިނުމަށް އާޒިމް އެދިވަޑައިގަތެވެ.

މި ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ އެ މަޝްރޫއަކީ ބަޖެޓް ކޯޑްގެ ތެރެއިން ހިންގާފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ވަކި ދާއިރާއަކަށް ވާތީ މަޝްރޫއެއް މަޑުޖައްސާލާފައި ވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"ގާނޫނު އަސާސީއާ ހިލާފު ކަމެއް އަޅުގަނޑު ނުކުރަން. އެ މަސައްކަތް އެހާ ހިސާބަށް ގޮސްފައިވަނިކޮށް ހުއްޓާލުމުން ގެއްލުން ވާނެ ކަމަށް ބެލެވޭތީ އަޅުގަނޑުމެން އެ މަސައްކަތް އިތުރު ކުރީ. އެ މަސައްކަތް ހަވާލު ކުރެވުނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަކަށް ނުދެކެން،" އަސްލަމް ވިދާޅުވިއެވެ.

ބައެއް މެންބަރުން އަމާޒު ކުރެއްވި ޝަކުވާތަކަށް މިނިސްޓަރު އަސްލަމް ދިފާއުގައި ވާހަކަ ދެއްކެވުމުން މިނިސްޓަރަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ރައްދު ދެއްވިއެވެ. ނަޝީދު ވިދާޅުވީ މިނިސްޓަރު ދިފާއުގައި ކޮންމެ އެއްޗެއް ވިދާޅުވި ނަމަވެސް އެފަދަ ޝަކުވާ އަންނަނީ ކޮންމެ ވެސް މިންވަރަކަށް ނަމަވެސް ތަފާތު ކުރުންތަކެއް ގެންގުޅޭތީ ކަމަށެވެ.

"ބައެއް މެންބަރުން ވިދާޅުވާ ކަންކަން ނިކަން ބާރަށް ވެފައި އެހެން ބައެއް މެންބަރުން ވިދާޅުވާ ކަންކަން ނުވާތީ މިފަދަ ޝަކުވާތައް މި އަންނަނީ. މި ކަމާ މެދު ވަަޒީރު ވާނެ ދެން ފަހަރަކުން ވިސްނަވަން،" ވަރަށް ހަރު އަޑުން ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރު ތަމްސީލް ކުރައްވާ އިދާރީ ދާއިރާގެ ކަންކަން އެހެން ދާއިރާތަކަށް ވުރެ ބޮޑަށް އިސްކަން ދެއްވުމަށް ރަސްމީ ގުޅުމަށް ވުރެ ބޮޑަށް ގާތް ގުޅުމެއް ބައެއް މެންބަރުން ބައެއް ވަޒީރުންނާ ބާއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ނަޝީދު މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އަދި އެފަދަ ގޮތަކަށް ގުޅުން ނުބޭއްވުމަށް މެންބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާދިރު

    ފެށުނީއްސުރެ ޤާނޫނުގެ ބޭރުގަ ހުންނަ މީހެއް މީނަމީ ކަމެއް ކުރާއިރު ޤާނޫނު އަކީނެއް އެއްޗެއް ތަފާތުކުރުން ގެންގުޅޭނެ އިންތިހާޔަށް މުޅިން ދެބޯގެރި ދުއްވައިގެން ވަޒީފާ ހޯދާނީ

  2. ފަލާޙް

    2009 ން 2011 ށް އޮތް ވެރިކަމުގައި އޮޑިޓްރިޕޯޓުގައި ފާހަގަކޮށްފައިވާ ، ހައުސިން މިނިސްޓްރީގެތެރެއިން 800 މިލިޔަން ރުފިޔާ ކައްވާލި ވަގެއްނު މީ؟

  3. ސަމްކުޅިބޭ

    ހުރިހާ މިނިސްޓްރީތައް އެއްކޮށްލާފާ މިކަލޭގެއާ ހަވާލުކުރިއަސް އެއްވެސް ދައްޗެއް ނުވާނެ.