ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮއްފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޔުމްނާގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން މިއަދު ހަވީރު ވަނީ އޭނާ އަށް އަންގައިފަ އެވެ. އެކަމަކު، ޕާސްޕޯޓް ހިފެހެއްޓީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ކިހާ މުއްދަތަކަށް ކަމެއް އަދި ނޭނގެ އެވެ.

ސަގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ޕާސްޕޯޓު ހިފެހެއްޓިއިރު، ޔުމްނާގެ އަތުލިޔުމުގެ ސާމްޕަލްއެއް ނަގަން، މިދިޔަ ހަފުތާގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެއެވެ. ނަމަވެސް ކޯޓު އަމުރެއް ނެތި އަތު ލިޔުން ދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.

ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން، ގާނޫނީ ސަރުކާރު ބަޔަކު ރާވައިގެން ގާނޫނާ ޚިލާފަށް ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ޔުމްނާގެ މައްޗަށް ކޮއްފައެވެ.

ޤާނޫނާއި ހިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ޔުމްނާގެ މައްޗަށް ވެސް މިހާރު ކުރެވޭ އިރު އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ހުންނެވީ އެތުހުމަތުގައި ހައްޔަރު ކުރެވިފައެވެ. އަދި ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ފާރިސްގެ މައްޗަށް ވެސް އެތުހުމަތު ކުރެވި ވަނީ ހައްޔަރު ކުރެވިފައެވެ.